Roadha Mihaaru
ބެންގާލީ ބަހުން ދީނީ ޕްރޮގްރާމް ހިންގަން މީހުން ހޯދަނީ

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މުސްލިމުންނަށް ބެންގާލީ ބަހުން ދީނީ ޕްރޮގްރާމްތައް ހިންގަން އިލްމުވެރިން ހޯދަނީ

19 މާޗް 2024

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވުން ހިމެނެ އެވެ.

މިކަމަށް ޝަރުތު ހަމަވާ މީހުން އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް އެޕްލިކޭޝަން ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފަ އެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ރަސްމީ އަދަދަކީ 90،000 ކަމަށް ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބުނެފަ އެވެ. އެކަމަކު ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ އެކު، އެ އަދަދު ދެ ގުނަ ވާނެ ކަމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަންދާޒާކުރެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ.