Roadha Mihaaru
އުފާވެރިކަމުގެ ދުވަސް ރާއްޖޭގައި އަލަށް ފާހަގަ ކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފާވެރިކަމުގެ ދުވަސް ފާހަގަ ކުރަނީ

20 މާޗް 2024

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް (އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސް) ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަސް (އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސް) ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ނިންމައިފި އެވެ.

ދުނިޔޭގެ އުފާވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗް، 20 އެވެ.

އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޔޫއިން ވަނީ އާންމުންނަށް ހުޅުވާލައިގެން މިރޭ ޕަބްލިކް ފޯރަމެއް ބޭއްވުމަށް ނިންމާފަ އެވެ. އެމްއެންޔޫގެ ފެކަލްޓީއޮފް އާޓްސް (އެފްއޭ) އިން އިސް ނަގައިގެން ކުރިއަށް ގެންދާ އެ ފޯރަމް އޮންނާނީ މިރޭ 9:30 އިން 11:00 އަށް އެފްއޭގެ ބީ ބްލޮކް އޮޑިޓޯރިއަމްގަ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސާ، ޑރ. އަލީ ޝަމީމް ވިދާޅުވީ އެ ފޯރަމް ކުރިއަށް ގެންދަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ. އޭގައި ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ހިމެނެނީ:

1. ޑރ. އަލީ ޝަމީމް

2. މުހައްމަދު ޝިހާބް (ދަ ހެޕިނެސް ކްލަބްގެ ޗީފް ހެޕިނެސް އޮފިސާ)

3. އަޒްހާ ޒަމީރު (އެމްއެންޔޫ، ޕާޓްޓައިމް ލެކްޗަރާ)

މިރޭގެ ފޯރަމްގައި ވާހަކަ ދައްކާނެ ބައެއް މައުލޫތަކުގެ ތެރޭގައި އުފާވެރިކަމުގެ މުޖުތަމައުއެއްގައި އުޅުމުން ލިބޭ ފައިދާތަކާއި އުފާވެރިކަން ދަސްކޮށްދިނުން ހިމެނެ އެވެ.

ފެކަލްޓީ އޮފް އާޓްސް އިން އިސްނަގައިގެން އުފާވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސޯޝަލް ޕޮލިސީސް ކިޔަވައިދޭތާ މިހާރު ވަނީ ހަތް އަހަރުވެފަ އެވެ. މާސްޓާސް އިން ސޯޝަލް ޕޮލިސީސް ކޯހުގައި މިހާރު ވެސް 22 ދަރިވަރުން ކިޔަވަ އެވެ.

ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ގެލަޕްއިން ދިރާސާ ރިޕޯޓެއް ނެރެ އެވެ. މިދިޔަ އަހަރު ނެރުނު ރިޕޯޓުގައި ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށް ހޮވުނީ މިދިޔަ ހަ އަހަރު ވެސް އެ މަގާމަށް ހޮވުނު ފިންލޭންޑް އެވެ. ދެވަނަ ގައުމަކަށް ހޮވުނީ ޑެންމާކެވެ.

އުފާވެރިކަމުގެ ރޭޓު ރާއްޖޭގައި އޮތީ 10 ގެ ރޭޓުން 5.2 ގަ އެވެ.

ރިޕޯޓުގައި މީހުންގެ އުފާވެރިކަން ވަޒަންކުރުމަށް ފަރުދީ އާމްދަނީއާއި އިޖުތިމާއީ އެހީތެރިކަމާއި ދުޅަހެޔޮ އުމުރާއި މިނިވަންކަމާއި ދީލަތިކަމާއި ކޮރަޕްޝަން މަދުވުމަށް ބަލާފަ އެވެ.

އދ. އިން 2013 ވަނަ އަހަރުން ފެށިގެން އުފާވެރިކަމުގެ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ މީހުންގެ ދިރިއުޅުމުގައި އުފާވެރިކަމުގެ މުހިންމުކަން ފާހަގަ ކުރުމަށެވެ.