Roadha Mihaaru
ކަރަންޓް ބިލް ބޮޑުވާތީ އެމްއެންޔޫއިން ދިރާސާއެއް ހަދަނީ

ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި އެމްއެންޔޫ އާއި ސްޓެލްކޯ ގުޅިގެން ދިރާސާއެއް ހަދަނީ

05 އޯގަސްޓް 2024

ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިލްމީ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓް ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިލްމީ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯ އާއި އެމްއެންޔޫއިން އެއްބަސްވުމެއްގައި މިއަދު ސޮއިކުރީ 2014 އިން ފެށިގެން މިއަހަރާ ހަމައަށް ސްޓެލްކޯއިން ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ ތަހުލީލީ ދިރާސާއެއް ހެދުމަށްފަހު އާންމު ކުރުމަށެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަރަންޓު ބިލާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށެވެ. އެހެންވެ އޭނާ ވަނީ ކަރަންޓު ބިލް ބޮޑުވާ މައްސަލާގައި އިންސާފުވެރިކަމާއެކު އިލްމީ ދިރާސާއެއް ކޮށްފައި ޕަބްލިޝް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސްޓެލްކޯ

ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސްޓެލްކޯ

"މިކަމަށްޓަކައި އަޅުގަނޑުމެން ކޮށްދެއްވާނެ ކަމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި، ދެވެން ހުރި ހުރިހާ މައުލޫމާތެއްދީ، އަޅުގަނޑުމެންގެ ސިސްޓަމަށް އެކްސެސް ވުމުގެ ފުރުސަތު ދެއްވާނަން. އެކަމުގައި ނޯންނާނެ މިނެއް، އިމެއް. ހުރިހާ ރިސޯސެސްއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް އެއީ އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، މީގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެ ގޮތަކަށް މިކަންތައް ކޮށްލަދިނުން."

ވައިސް ޗާންސެލާ ޝެހެނާޒް ވިދާޅުވީ އެ ދިރާސާގެ މައިގަނޑު މަގުސަދަކީ ކަރަންޓުގެ ދާއިރާއިން އިލްމީ ދިރާސާތަކެއް ހެދުމާއި މަތީ ތައުލީމަށް ފުރުސަތު ހޯދައި ދިނުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވާހަކަ ދައްކްވަނީ.-- ފޮޓޯ: ސްޓެލްކޯ

ދިރާސާގައި މަސައްކަތް ކުރަނީ:

1. ދުވާލެއްގެ އެކި ދަންފަޅިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަތުން

2. ކަރަންޓު ބޭނުންކުރާ މިންވަރުގައި މޫސުމީ ގުޅުމެއް ހުރިތޯ ދެނެގަތުން

3. ސްޓެލްކޯގެ ބިލިން ޕްރޮސެސްގެ ސައްހަކަން ބަލައި، ހާމަކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަން ބެލުން

4. މީޓަރުން ދައްކާ އަދަދާއި ބިލް ކުރެވިފައި ހުރި އަދަދުގައި އެއްވެސް ތަފާތު ކުރުމެއް ހުރިތޯ ބެލުން

5. ބިލުތަކުގެ އަދަދު ސާފުކޮށް ހިސާބު ކުރެވިފައިވާ ގޮތް ކަށަވަރު ކުރުމާއި އޭގައި ތަފާތު ހުރިތޯ ބެލުން

އޭގެ އިތުރުން އެ ދިރާސާގައި ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަން ބަލައި ހަރަދު ކުޑަ ކުރަންވީ ކޮން ދާއިރާއަކުން ކަން އެނގޭނެ ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމުގައި އޮި ކުރުމަށް އެ ދެ އިދާރާގެ ބޭފުޅުން ބައިވެރިވަނީ.--- ފޮޓޯ: ސްޓެލްކޯ

ކަރަންޓު ބޭނުންކުރާ މިންވަރާ ގުޅޭ ދިރާސާއެއް ހެދުމަށް އެއްބަސްވުމުގައި އޮި ކުރުމަށް އެ ދެ އިދާރާގެ ބޭފުޅުން ބައިވެރިވަނީ.--- ފޮޓޯ: ސްޓެލްކޯ

މިިދިޔަ މަހުގެ ބިލްތައް ވެސް ބޮޑުވެގެން ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ވެސް އެ މައުލޫމާތުތައް ހިއްސާ ކުރަމުންނެވެ. މާލެ ސަރަހައްދުގައި 70،000 ގޭބީސީ އަށް ކަރަންޓު ހިދުމަތް ސްޓެލްކޯއިން ދެމުން އަންނައިރު، އެންމެ ޕީކް ވަގުތުތަކުގައި ކަރަންޓު ދޭ އަދަދު 100 މެގަވޮޓަށް އަރަ އެވެ. މި އަހަރުގެ އެންމެ ޕީކް ވަގުތުގައި ކަރަންޓު ބޭނުން ކުރި ވަރު 113 މެގަވޮޓަށް ވެސް އެރި އެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ގޭގެއަށް ގޮސް، ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅޭ އޮޑިޓެއް ވެސް ހަދަން ނިންމައިފަ އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި ކޮންމެ އަހަރު ވެސް އެވްރެޖުކޮށް ކަރަންޓް ބޭނުން ކުރާ މިންވަރު 8-10 ޕަސެންޓާ ހަމައަށް ވަނީ އިތުރުވެފަ އެވެ. ކުރިއަށް އޮތް އަހަރެއްގެ ތެރޭ ޕީކް ވަގުތުތަކުގެ ކަރަންޓު ބޭނުން ކުރާ ވަރު 120 މެގަވޮޓަށް އަރާނެ ކަމަށް ވެސް ސްޓެލްކޯ އިން ލަފާކުރެ އެވެ.