Roadha Mihaaru
ފެނަކައިގެ 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް!

ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ހަވާލުކުރި 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް

23 މާޗް 2024

ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ފެނަކަ ކުންފުނިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ފެނަކަ ކުންފުނިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ނިމުނުއިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ފެނަކަ ކުންފުނީގެ އާ އެމްޑީ މުއާޒު ވިދާޅުވީ، މި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް، ބީއޯކިއުއެއް އަދި މާކެޓުގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

"މަގާމުގެ ނާޖާއިޒު ފައިދާ ނަގާ، އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ވާނީ ހުށަހަޅާފައި. މި ޕްރޮޖެކްޓްތަކުން ފެނަކައަށް ވަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައި،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވި ކުންފުނި ދަރާފައިވާ ކަމަށް ޒިިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަ ބަލައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ފެނަކަގެ އޮފީސް އެޅުމުގެ 60 މަޝްރޫއު ވެސް ހުއްޓިފައި އެބަ އޮތް ކަމަށާއި އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މަޝްރޫއުތައް ނިމިފައި ހުރީ 45 ޕަސެންޓް ކަމަށާއި މަޝްރޫއުތައް ނިންމާލުމަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުންފުނި ތެރޭގައި އިންޖީނާއި ޖެންސެޓްތައް ގަތުމުގެ ނާޖައިޒު ބޮޑު ވިޔަފާރިއެއް އުފައްދާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅާނެ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށާއި ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ. ފެނަކައިގައި 8،000 މުވައްޒަފުން ތިބި ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވިދާޅުވި އެވެ.