Roadha Mihaaru

ފެނަކަ ސަލާމަތް ކުރެވެން ނެތް ކަމަށް ވިދާޅުވެ، މުއާޒު އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ޑިސެމްބަރ 2024

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެކްސްގައި އާންމު ކުރެއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑު ކުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަށް ވެއްޓިފައިވާ ކަމަށެވެ.

އެހެންވެ، އޭނާ ހުންނަވައިގެން އިތުރަށް ކަންކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން އިސްތިއުފާ ދެއްވީ ކަމަށް މުއާޒު ވިދާޅުވި އެވެ.

ރަށްރަށުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޮވެމްބަރު 28، 2023 ގައި އައްޔަން ކުރެއްވި މުއާޒް ވަނީ ފެނަކަ އިނދަޖެހި، އެ ކުންފުންޏާއިގެ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމުގެ އިންޒާރު މި މަހުގެ ކުރީކޮޅު ވެސް ދެއްވައިފަ އެވެ.

މި މަހުގެ ފަސްވަނަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުއާޒް ވިދާޅުވީ، ފެނަކަ ހިންގުމަށް ބޭނުންވާ އާމްދަނީގެ އިތުރަށް 86 މިލިއަން ރުފިޔާ ނުލިބޭތީ، މިދިޔަ މަހު އަދި މި މަހު ވެސް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ.

"ދެހާސް މުވައްޒަފުން ކަނޑާ ކަމަށް ވެއްޖިއްޔާ، އެ ފުރުސަތު ނުލިބޭ ކަމަށްވާ ނަމަ އަޅުގަނޑުގެ ޕޮއިންޓަކީ ފިނޭންސް މިނިސްޓްރީން އެހީތެރިކަން ނޫނީ ސަރުކާރުން އެހީ ލިބެން ވާނެއޭ،" އޭނާ އެ އިންޓަވިއުގައި ވިދާޅުވެފައި ވެ އެވެ.

އިސްތިއުފާގެ ސިޓީގައި މުއާޒު ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި މަސައްކަތް ކުރެއްވީ ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. އެކަމަކު، ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެއްވި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލް ނުކުރެވޭ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

ނަމަވެސް، ކުންފުނިތަކަކީ، އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގަން ޖެހޭ ތަނަކަށް ވިއަސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން ކުރުމަކީ މުސްތަހިިއްލު ކަމެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭގެ ސަބަބުތައް ވެސް، އިސްތިއުފާގެ ސިޓީގައި އާއްމުކޮށްފައިވެ އެވެ.

"...ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގު އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމާއި ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގެ 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުން ހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާ އަށް އިތުރުވެފައި ވާތީ އެވެ،" އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތްތަކާ އެކު ވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގެ ތެރެއިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށް، މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި މުއާޒު ވިދާޅުވި އެވެ.

"... އެހެންވުމާ އެކު، ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ،" މުއާޒުގެ ސިޓީގައި ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ފެނައިގެ ހާލަތު ބަޔާންކޮށް އިއްޔެ ނެރުނު ރިޕޯޓުގައި ބުނީ، އެ ކުންފުނީގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކޮށް، ދަރަނިން 900 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.