Roadha Mihaaru
ޓޫރިސްޓެއްގެ ދަބަހެއް ފޭރުނު މައްސަލަ ބަލަނީ

ފުވައްމުލަކުގައި ޓޫރިސްޓެއްގެ ދަބަހެއް ފޭރުނު މައްސަލައެއް ބަލަނީ

24 މާޗް 2024

ފުވައްމުލަކުގައި ޓޫރިސްޓެއްގެ އަތުން ދަބަހެއް ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ޓޫރިސްޓެއްގެ އަތުން ދަބަހެއް ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓު މީހާގެ އަތުން ފޭރުނު ގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ މިހާ ބުނި ގޮތުގައި، އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގާ އެއްޗެހި އެހި އެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ރަނގަޅު ކުދިންތަކެއް ކަމަށް އޭނާ އަށް ހީވި އެވެ.

އޭނާ ބުނީ އެ ކުދިންނާ ދެ ތިން މިނިޓެއްހާއިރު ވާހަކަ ދައްކަން ހުރުމަށް ފަހު، ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށެވެ. މޫދަށް އެރުނީ އޭނާގެ ޑްރޯން އާއި ދެ ދަބަސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ކައިރީގައި ބަހައްޓާފައި ކަމަށް ބުންޏެވެ.

"މޫދަށް އެރުނީ ސައިކަލު ހަމަ ފެންނަ ހިސާބަށް. އެ ގަޑީގައި އެކަކު ވެސް ނާދެ. ފަހަރެއްގައި އެ ކުދިން ތިބީ ވަލުތެރޭ ފިލާ. ދެން އިރުކޮޅަކުން ފެންނަނީ އެ ކުދިން މަޑުމަޑުން އަންނަ ތަން. އައިސްފައި ދަބަސް ނަގާ ތަން. އެކަމަކު ޑްރޯން އާއި އޭގެ ކޮންޓްރޯލް އޮންނަނީ އެތާ ކައިރީގައި އަހަރެންގެ ތުވާލި ތެރޭގައި ބާއްވައިފައި،" އޭނާ ބުންޏެވެ.

"އަހަރެންގެ ދެ ދަބަސް އޮންނާނެ. އެއް ދަބަސް އެއީ ޑްރޯން ލާން ގެންގުޅޭ ކަޅުކުލައިގެ ދަބަހެއް. އަނެއް ދަބަހަކީ އުނަގަނޑުގައި އަޅުވާ ދަބަހެއް. އޭގެ ތެރޭގައި އަހަރެންގެ ވޮލެޓް އޮންނާނީ."

އެ ކުދިން ފޭރުނީ އުނަގަނޑުގައި އަޅުވާ ދަބަހެވެ.

އެ ދަބަހުގެ ތެރޭގައި އޭނާ ވޮލެޓާއި ކްރެޑިޓް ކާޑުތަކާއި 200 ޑޮލަރާއި 1،500ރ. އާއި އެކި ލިޔެކިޔުންތަކާއި ފޯނާއި ސައިކަލުގެ ދަޅުގަނޑި ވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ،" އެ މީހާ ބުންޏެވެ.