Roadha Mihaaru
ޓޫރިސްޓުގެ އަތުން ފޭރުނު މައްސަލާގައި ދެމީހަކު ހައްޔަރު

ފުވައްމުލަކުގައި ޓޫރިސްޓެއްގެ އަތުން ފޭރުނު ހުރިހާ އެއްޗެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

03 އެޕްރީލް 2024

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓެއްގެ އަތުން ފޭރުނު މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓެއްގެ އަތުން ފޭރުނު މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ދެ މީހަކު ހައްޔަރުކޮށް އެ ދެމީހުންނަށް ވެސް ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ. އަދި ގެއްލިގެން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލަކު ސިޓީ ޕޮލިސްގެ ފުލުހުން ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ.

ޓޫރިސްޓު މީހާގެ އަތުން ފޭރުނު ގޮތް އޭނާ ކިޔައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

އެ މިހާ ބުނި ގޮތުގައި، އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އޭނާ ގެންގުޅުނު ޑްރޯންގެ އަގާ އެއްޗެހި އެހި އެވެ. އަދި ފެންނަ ފެނުމަށް އެއީ ވަރަށް ރަނގަޅު ކުދިންތަކެއް ކަމަށް އޭނާ އަށް ހީވި އެވެ.

އޭނާ ބުނީ އެ މީހުންނާ ދެ ތިން މިނިޓެއްހާއިރު ވާހަކަ ދައްކަން ހުރުމަށް ފަހު، ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށެވެ. މޫދަށް އެރުނީ އޭނާގެ ޑްރޯން އާއި ދެ ދަބަސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ކައިރީގައި ބަހައްޓާފައި ކަމަށް ބުންޏެވެ.

"މޫދަށް އެރުނީ ސައިކަލު ހަމަ ފެންނަ ހިސާބަށް. އެ ގަޑީގައި އެކަކު ވެސް ނާދެ. ފަހަރެއްގައި އެ ކުދިން ތިބީ ވަލުތެރޭ ފިލާ. ދެން އިރުކޮޅަކުން ފެންނަނީ އެ ކުދިން މަޑުމަޑުން އަންނަ ތަން. އައިސްފައި ދަބަސް ނަގާ ތަން. އެކަމަކު ޑްރޯން އާއި އޭގެ ކޮންޓްރޯލް އޮންނަނީ އެތާ ކައިރީގައި އަހަރެންގެ ތުވާލި ތެރޭގައި ބާއްވައިފައި،" އޭނާ ބުންޏެވެ.

"އަހަރެންގެ ދެ ދަބަސް އޮންނާނެ. އެއް ދަބަސް އެއީ ޑްރޯން ލާން ގެންގުޅޭ ކަޅުކުލައިގެ ދަބަހެއް. އަނެއް ދަބަހަކީ އުނަގަނޑުގައި އަޅުވާ ދަބަހެއް. އޭގެ ތެރޭގައި އަހަރެންގެ ވޮލެޓް އޮންނާނީ."

އެ މީހުން ފޭރުނީ އުނަގަނޑުގައި އަޅުވާ ދަބަހެވެ.

އެ ދަބަހުގެ ތެރޭގައި އޭނާ ވޮލެޓާއި ކްރެޑިޓް ކާޑުތަކާއި 200 ޑޮލަރާއި 1،500ރ. އާއި އެކި ލިޔެކިޔުންތަކާއި ފޯނާއި ސައިކަލުގެ ދަޅުގަނޑި ވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.