Roadha Mihaaru
ހައްޔަރުކުރި މީހުންގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު

20،000 ޔޫރޯ ނަގައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކޫއްޑޫ އެއާޕޯޓުގެ މޯލްޑިވިއަން ސްޓޭޝަން މެނޭޖަރު

16 އޯގަސްޓް 2021

ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި އެ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ އިސް ބޭފުޅަކު ހިމެނޭކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ޓޫރިސްޓެއްގެ ލަގެޖުން 20،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި އެ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ އިސް ބޭފުޅަކު ހިމެނޭކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ކުންފުނީގެ ސްޓޭޝަން މެނޭޖަރު ޝުއައިބު ސިއްދީގް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރިއިރު، ދެން ތިބި ހަތަރު މީހަކު ވެސް އޭނާއާއެކު އެ ކަމުގައި ބައިވެރިވި ކަމަށް ބެލެވެ އެވެ. ޝުއައިބުގެ އިތުރުން ދެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ ޓޫރިސްޓު ހުރި ރިސޯޓުގެ ދެ މުވައްޒަފަކާއި ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފެކެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށާއި އެ ޓޫރިސްޓު މީހާގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެކެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިހާތަނަށް ވަނީ 10،000 ޔޫރޯ ހޯދައިފަ އެވެ. އެ ފައިސާ މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ވައްކަމުގެ އިތުރުން މަކަރާއި ހީލަތުން، އެކި ގޮތްގޮތުން މީހުން އަތުން މުދަލާއި ފައިސާ ހޯދާ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ފުލުހުން މިއަދު ވެސް ވަނީ ފޭސްބުކް އެކައުންޓްތަކެއް ހެކުކޮށް، މަކަރާއި ހީލަތުން، އޮޅުވާލައިގެން މީހުންގެ އަތުން ހޯދާފައިވާ ފައިސާ ޖަމާކުރި ހަ އެކައުންޓެއްގެ ނަމްބަރެއް އާންމުކޮށްފަ އެވެ.