Roadha Mihaaru
ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް މޫކޭ އެދިއްޖެ

އާރުޑީސީގެ ކުރީގެ ވެރިންނަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިއްޖެ

07 އޯގަސްޓް 2024

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ ބޮޑެތި ގޯސްތައް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެ ކުންފުނީގެ މިހާރުގެ ވެރިން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ކުރީގެ މެނޭޖްމަންޓުގެ އިސްވެރިން އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ ބޮޑެތި ގޯސްތައް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެ ކުންފުނީގެ މިހާރުގެ ވެރިން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ކުރީގެ މެނޭޖްމަންޓުގެ އިސްވެރިން އެދިވަޑައިގެންފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރު ވަނީ އެ ކުންފުނީގެ ކުރީގެ މެނޭޖްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ދޫކޮށްފައިވާ މައްސަލައަކާއި މާލިއްޔަތު ގާނޫނާ ހިލާފަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުންފުނިތަކަށް ފައިސާ ޓްރާންސްފާ ކުރުމާއި އެއްވެސް ކަމެއްގެ ލިޔެކިޔުން ކުންފުނިން ފެންނަން ނެތް މައްސަލަތަކެއް އެ ދެ ބޭފުޅުން ހާމަ ކުރެއްވި އެވެ.

އެ މައްސަލާގައި އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ސޮއި ކުރައްވައި އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އާރުޑީސީގެ މިހާރުގެ ވެރިން ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށެވެ.

އާރްޑީސީގެ ފަރާތުން ވާހަކަ ދައްކާފައި ވަނީ ކުންފުނީގެ ހާލަތާއި ދަރަންޏާ ބެހޭ ގޮތުން އެއްވެސް އޮޑިޓެއް ނުވަތަ އެސެސްމަންޓެއް ހެދުމަކާ ނުލާ ކަމަށާއި އެ ފަރާތްތަކުން ވާހަކަ ދައްކާފައި ވަނީ އެކަށީގެންވާ ވަރަށް ހާލަތު ނުބަލާ ކަމަށް އެ ސިޓީގައި ވެ އެވެ.

އެ ކުންފުނި ހިންގަން އޭރު އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައިސިއްޔަތުން ކޮމިޓީ އަށް ހާޒިރުވެ، ކަން ހިންގާފައިވާ ގޮތް ވިދާޅުވެ ދެއްވަން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތެއް ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް މޫކޭ އާއި ޔާސިރު އެދިވަޑައިގަތެވެ.

އާރްޑީސީ އަށް ކުރި ބައެއް ތުހުމަތުތައް:

- ލިޔެކިޔުމެއް ނެތި 161 މިލިއަން ވަނީ ރުފިޔާ ވަނީ ދޫކޮށްފައި

- އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައި

- ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވުން.

- ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވުން.

- ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވުން.

- މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވުން.