Roadha Mihaaru
އިސް މުވައްޒަފުންނާ ގުޅުންހުރި ނަމަ ވިޔަފާރިކުރުން މަނާ

އިސް މުވައްޒަފުންނާ ގުޅުންހުރި ފަރާތްތަކާ އެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށްފި

31 މާޗް 2024

ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންހުރި މީހުންނާ އެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށް، އަދި އެ ނޫން ވެސް ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި މީހުންނާ އެކު ވިޔަފާރިކުރާ ނަމަ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންހުރި މީހުންނާ އެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށް، އަދި އެ ނޫން ވެސް ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި މީހުންނާ އެކު ވިޔަފާރިކުރާ ނަމަ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މާލިއްޔަތު ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާއި ޕްރޮކިއުމެންޓާބެހޭ އިސްވެރިންނާއި މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން ސެކްރެޓަރީ ޖެނެރަލާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް އެ އޮފީހަކުން ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމަކަށް ހުއްދަ ދެވޭނީ ކުއްލި ހާލަތްތަކުގައި ފިނޭންސް މިނިސްޓްރީން ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެ އިތުރުން އެ ނޫން ދައުލަތުގެ މުވައްޒަފުންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅިފައިވާ ފަރާތަކާ އެކު ދައުލަތުގެ އޮފީހަކުން ވިޔަފާރީގެ މުއާމަލާތެއް ހިންގޭނީ ހާއްސަ ހުއްދައެއް ހޯދައިގެން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އަދި އެގޮތަށް ހުއްދަ ދިނުމުގައި ވަކި ހާއްސަ ކަންކަމަށް ބަލަން ޖެހުމުގެ އިތުރުން އެކަމުގެ ރެކޯޑް ގަވާއިދުން ބަލަހައްޓަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ދާއިމީ ގޮތެއްގައި އެގޮތަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން އާއިލީ ގޮތުން ގުޅިފައިވާ ކަމަށް ބަލާނީ މައިންބަަފައިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ އިތުރުން ދޮންދަރިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާ މީހުން ވެސް ހިމެނޭ ގޮތަށެވެ.

ދައުލަތުގެ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ދޭ ނަމަ އެއީ ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ބެލެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން އެއާ ހިލާފަށް އަމަލުކޮށްފިނަމަ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.