Roadha Mihaaru
ފުލުހެއްގެ ގައިގައި ޖެހުނު ޓެކްސީގެ ޑްރަވަރު ހައްޔަރު

ޓްރެފިކް ފުލުހެއްގެ ގައިގައި ޓެކްސީއަކުން ޖެހި އެކްސިޑެންޓުވުމުން ޑްރައިވަރު ހައްޔަރުކޮށްފި

31 މާޗް 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރިޖަށް އަރަން ދިޔަ ޓެކްސީއަކުން، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު ހަވީރު ހިނގި އެކްސިޑެންޓްގައި ޓެކްސީ ކޮންޓްރޯލުން ނެއްޓި، ބާރު ސްޕީޑްގައި ގޮސް ޖެހުނީ މަގު މެދުގައި ހުރި ފުލުހެއްގަ ގައިގަ އެވެ. ޓެކްސީން ޖެހުމާ އެކު އޭނާ ވިއްސައިގެން ގޮސް ވެއްޓޭތީ، އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކްސިޑެންޓުވި ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ވިދާޅުވީ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި، ބްރިޖަށް އަރަން ދިޔަ ޓެކްސީގެ މިސްރާބު ބަދަލުކޮށްލަނީ ހުޅުމާލެ ހައިވޭ ކޮޅުން ސައިރެން އަޅަމުން އައި ފުލުހުންގެ ކާރަކުން ނެއްޓުމަށެވެ. ނަމަވެސް، ޓެކްސީގެ މިސްރާބު ބަދަލުކޮށްލި ވަގުތު ކޮންޓްރޯލުން ނެއްޓި ގޮސް ޖެހުނީ ފުލުސް މީހާގެ ގައިގަ އެވެ.

މިފަހުން ބްރިޖުގައި ވެސް އަދި މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައި ވިޔަސް، އެކްސިޑެންޓްތަކާ ގުޅިގެން މީހުން ހައްޔަރުކުރަނީ ވަރަށް މަދު ފަހަރެއްގަ އެވެ. ރޯދަ މަސް ތެރޭގައި އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ ހުޅުމާލޭގައި މިސްކިތުން ފައިބައިގެން ދިޔަ ދުވަސްވީ މީހެއްގެ ގައިގައި ރޭސިން ސައިކަލުން ޖެހިގެންނެވެ. އެމީހާ އަށް ގެންދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ، ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެކްސިޑެންޓްގެ 86 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، އެއީ މާލޭގައި ހިނގި 48 އެކްސިޑެންޓާއި ހުޅުމާލޭގައި ހިނގި 38 އެކްސިޑެންޓެވެ. އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައި ހުރީ ހަވީރު ވަގުތު އެވެ. ބްރިޖް އަދި ހައިވޭ އެކްސިޑެންޓްގެ ނުވަ މައްސަލަ ވެސް ޕޮލިހަށް ރިޕޯޓުކޮށްފައިވެ އެވެ.