Roadha Mihaaru
ސީރިއާގެ އީރާން ކޮންސިއުލޭޓަށް ބޮން އަޅައިފި

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް ބޮން އަޅައި ހަތް މީހަކު މަރާލައިފި، ތުހުމަތު އިޒްރޭލަށް

02 އެޕްރީލް 2024

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް ބޮން އަޅައި އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރަކާ އެކު ހަތް މީހަކު މަރާލައިފި ކަމަށާއި މިއީ އިޒްރޭލުގެ ޖަރީމާއެއް ކަމަށް އީރާނުން ބުނެފި އެވެ.

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް ބޮން އަޅައި އިސްލާމީ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރަކާ އެކު ހަތް މީހަކު މަރާލައިފި ކަމަށާއި މިއީ އިޒްރޭލުގެ ޖަރީމާއެއް ކަމަށް އީރާނުން ބުނެފި އެވެ.

މި ތުހުމަތާ ގުޅިގެން އިޒްރޭލުން ބުނީ ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން މަރުވި ހަތް މެންބަރުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޒާހިދީ އާއި އިސް އެހެން އޮފިސަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ހާދީ ހާޖީ ރަހީމީ ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އީރާނުގެ އެމްބަސީގެ އެނެކްސް އަކަށް މި ހަމަލާ ދިނީ އިޒްރޭލުގެ މިސައިލްތަކުން ކަމަށެވެ. އީރާން ސިފައިންގެ އިތުރުން އެހެން ބަޔަކު ވެސް މި ހަމަލާގައި މަރުވި ކަމަށާއި ޖުމްލަ 11 މީހަކު މަރުވި ކަމަށް ވެސް ބުންޏެވެ.

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓްގެ އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްލާފައި ވާއިރު އެތަނުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރަނީ.  -- ފޮޓޯ: އޭއެފްޕީ

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓްގެ އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްލާފައި ވާއިރު އެތަނުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މަރުވި މީހުންގެ ތެރޭގައި، އީރާނުގެ އަށް މީހަކާއި ސީރިއާގެ ދެ މީހަކާއި ލުބުނާނުގެ އެކަކު ހިމެނޭއިރު މީގެ ތެރޭގައި އާންމުންގެ އެއްވެސް މީހަކު ނުހިމެނޭ ކަމަށް ވެސް މޮނިޓަރިން ގްރޫޕުން ބުންޏެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް، ސީރިއާގައި ހުންނަވާ އެ ގައުމުގެ ސަފީރު ހުސެއިން އަކްބަރީ ވިދާޅުވީ އެ ހަމަލާ ދިނީ އެފް-35 ޖެޓްތަކުން ކަމަށައި އެ އިމާރާތަށް ހަ މިސައިލް ފޮނުވާލި ކަމަށެވެ.

ސީރިއާގެ ޑިފެންސް މިނިސްްޓްރީން ބުނީ މި ހަމަލާގައި އެނެކްސް އިމާރާތް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

އީރާނުން ބުނީ މި ހަމަލާގެ ބަަދަލު އިޒްރޭލުގެ ކިބައިން ނުހިފާނެ ގޮތެއް ނޯންނާނެ ކަމަަށެވެ. ރަޝިޔާ އާއި ޗައިނާ އާއި އެކި ގައުމުތަކުން ވަނީ އީރާންގެ ކޮންސިއުލޭޓަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. -- އޭއެފްޕީ