Roadha Mihaaru
އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް

އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް

08 އެޕްރީލް 2024

ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓް އިމާރާތަށް ހަމަލާދީ އީރާން ސިފައިންގެ އިސް ބަޔަކު މަރާލި މައްސަލައިގައި އިޒްރޭލަށް ތުހުމަތުކުރެވިފައި ވަނިކޮށް، އިޒްރޭލުގެ އެމްބަސީތަކަށް އީރާނުން އިންޒާރު ދީފި އެވެ.

ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓް އިމާރާތަށް ހަމަލާދީ އީރާން ސިފައިންގެ އިސް ބަޔަކު މަރާލި މައްސަލައިގައި އިޒްރޭލަށް ތުހުމަތުކުރެވިފައި ވަނިކޮށް، އިޒްރޭލުގެ އެމްބަސީތަކަށް އީރާނުން އިންޒާރު ދީފި އެވެ.

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ އަލީ ޚާމަނާއީގެ މުޝީރު ޔަހްޔާ ރަހީމް ސަފަވީ މި އިންޒާރު ދެއްވަމުން ވިދާޅުވީ މިހާރު އިޒްރޭލުގެ އެމްބަސީތަކަކީ ރައްކާތެރި ތަންތަން ނޫން ކަމަށެވެ.

"ޔަހޫދީ ދައުލަތުގެ އެމްބަސީތަަކަކީ މިހާރު ރައްކާތެރި ތަންތަނެއް ނޫން،" އިސްނާ ނިއުސް އެޖެންސީ ސަފަވީއާ ހަވާލާދީ ބުންޏެވެ.

އީރާނުން ކުރިން ވެސް ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އީރާން އެމްބަސީގެ ކޮންސިއުލާ އިމާރާތް ބިމާ ހަމަކޮށްލައި ސިފައިންގެ ހަތް މީހަކު މަރާލި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"ލަޝްކަރު އޮތީ ތައްޔާރަށް. ރައްދު ދޭނީ ކިހިނެއްކަން އަދި ފަހުން އެނގޭނެ،" ޔަހޫދީ ދައުލަތާ ކުރިމަތިލައި ބަދަލު ހިފުން ހުރިހާ ގޮތަކުން ވެސް މިހާރު ހައްގު ވެއްޖެ ކަމަށް ސިފަކުރައްވައި ދެއްވި އިންޒާރުގައި ސަފަވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ސަރަހައްދުގެ ގައުމުތަކުގައި ހުރި އިޒްރޭލުގެ އެމްބަސީތައް "ސުންނާފަތި" ވެފައިވާ ކަމަށެވެ.

މި އިންޒާރާ ގުޅިގެން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާން އެމްބަސީގެ އިމާރާތުގެ ބަޔަކަށް ދިން ހަމަލާ އަކީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ބުންޏަސް އިޒްރޭލުން ބުނީ އެކަމުގައި އިޒްރޭލުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އީރާން އެމްބަސީ އިމާރާތަށް ދިން ހަމަލާ އަކީ ހަފްތާއެއްގެ ތެރޭ އިޒްރޭލުން ސީރިއާގައި ދިން ފަސް ވަނަ ހަމަލާ ކަމަށެވެ. އެ ހަމަލާގައި އީރާން ސިފައިންގެ ދެ ޖެނެރަލުންނާ އެކު ސިފައިންގެ ހަތް މީހަކު އަދި މުޅި ޖުމްލަ 16 މީހަކު މަރުވި އެވެ. -- އޭއެފްޕީ