Roadha Mihaaru
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި

އީރާން ކޮންސިއުލޭޓަށް ދިން ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި

16 އެޕްރީލް 2024

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހުގެ ދިން ހަމަލާގައި މަރުވި އެންމެންނަކީ ވެސް އިޒްރޭލާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ބައިވެރިވި މީހުން ކަމަށް ބުނެ އެ ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހުގެ ދިން ހަމަލާގައި މަރުވި އެންމެންނަކީ ވެސް އިޒްރޭލާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ބައިވެރިވި މީހުން ކަމަށް ބުނެ އެ ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

އީރާން ސިފައިންގެ އިސް ދެ ޖެނެރަލަކާއި އިތުރު ބަޔަކު މަރުވި ހަމަލާގެ ޒިންމާ އީރާނާއި ސީރިއާ އިން އެންމެ ފުރަތަމަ ވެސް އެޅުވީ އިޒްރޭލުގެ ބޮލުގަ އެވެ. އެކަމަކު އިޒްރޭލުން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައި އޮތުމަށް ފަހު މި ވާހަކަ ދެއްކީ ހަމަލާގެ ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

"އަޅުގަނޑަށް އެނގި ހުރި މައުލޫމާތަށް ބަލާއިރު ދިމިޝްގުގައި މަރުވި އެންމެންނަކީ ވެސް ގުދުސް ފޯސްގެ މެންބަރުން. މިއީ އިޒްރޭލުގެ ދައުލަތާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގި މީހުން،" އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގޭރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހިޒްބުﷲ ގެ މެންބަރުންނާއި އެ މީހުންނަށް އެހީވާ އީރާން މީހުންނެވެ.

"...އޭގެ ތެރޭގައި އެއްވެސް ޑިޕްލޮމެޓަކު ހިމެނޭ ކަމެއް އެނގިފައެއް ނެތް. އާންމުންގެ ތެރެއިން މަރުވީ ކޮން ބައެއް ކަމެއް ނޭނގެ،" ތަރުޖަމާނު ބުންޏެވެ.

ކޮންސިއުލޭޓްގެ އެނެކްސްއެއްގެ ގޮތުގައި ބޭނުންކުރާ ފަސް ބުރީގެ އިމާރާތް ބިމާ ހަމަކޮށްލި ހަމަލާގެ ބަދަލު ހިފަން ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިޒްރޭލަށް މިސައިލާއި ޑްރޯންގެ 300 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލި އެވެ. އެ ހަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުލިބި މިސައިލްތައް ވައްޓާލާފައި ވިޔަސް އީރާނުން ބުނެފައިވަނީ ހަމަލާތަކުގެ މަގުސަދު ހާސިލްވެފައިވާ ކަމަށެވެ.

އީރާނުން ދިން ހަމަލާތަކުގެ ބަދަލު ހިފަން އިޒްރޭލުން ވެސް ވިސްނަމުން ދާއިރު އެކަން ނުކުރުމަށް އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ، އިޒްރޭލާ އެކުވެރި ގައުމުތަކުން ވެސް ދަނީ ބުނަމުންނެވެ. އީރާނުން ބުނެފައިވަނީ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތި ނާމާން ވެފައި ވާއިރު އިތުރަށް މަސްރަހު ގޯސްކުރަން ބޭނުން ނުވާ ކަމަށާއި އެކަމަކު އިޒްރޭލުން ރައްދު ހަމަލާއެއް ދީފި ނަމަ ކުރިއަށްވުރެ ވަރުގަދަ އަށް ރައްދު ދޭނެ ކަމަށެވެ. -- އޭއެފްޕީ