Roadha Mihaaru
އިޒްރޭލުގެ އުދުވާން އީރާނުން ކުށްވެރިކޮށްފި

އިޒްރޭލުގެ އުދުވާން އީރާނުން ކުށްވެރިކޮށްފި

11 މެއި 2018

ތެހެރާން (މެއި 11) - ސީރިއާގައި އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ތެހެރާނުން ކުށްވެރިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މެއި 11) - ސީރިއާގައި އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ތެހެރާނުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުން ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސީރިއާގެ އެކި ހިސާބުތަކަށް ހަމަލާ ދެމުންނެވެ. ރައްދުގައި ސީރިއާ އިން ވެސް ވަނީ ގޯލާންގެ އުސް ބިންތަކުގައިވާ އިޒްރޭލުގެ ބައެއް ތަންތަނަށް ހަމަލާ ދީފަ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ސީރިއާ އަށް އިޒްރޭލުން ހަމަލާ ދިނުމަކީ އެ ގައުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ.

އީރާނުގެ ގިނަ އަދަދެއްގެ ސިފައިން ސީރިއާ އަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ އަސްކަރިއްޔާ އަށް ލަފާ ދޭން ފޮނުވާފައިވާ މުޝީރުން ވެސް ހިމެނެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހުރާމް ގާސިމީ ވިދާޅުވީ އިޒްރޭލުން ދޭ ހަމަލާތަކަށް ބައިނަލްއަގުވާމީ މުޖްތަމައު ހިމޭނުން ތިބުމަކީ އިޒްރޭލަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ވިދާޅުވީ އީރާނުން ރަތް ރޮނގު ހުރަސްކޮށްފައިވާ ކަމަށާއި އިޒްރޭލުން ހަމަލާ ދެނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ގޯލާން އަށް ޒިޔާރަތް ކުރުމަށް ފަހު އިޒްރޭލުގެ ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވަނީ ސީރިއާގައި ތިބި އީރާން ސިފައިން ފޮނުވާލުމަށް ގޮވާލައިފަ އެވެ.