Roadha Mihaaru

އިދިކޮޅުން ގެންދަނީ ކޮންމެ ކަމެއްގައި ވެސް އޮޅުވާލަމުން، ވާހަކަ އުފަން ކުރަމުން: ރައީސް

އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ކަމެއްގައި ވެސް އޮޅުވާލަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"އިިދިކޮޅުން ގެންދަނީ ކޮންމެ ކަމެއްގައި އޮޅުވާލަމުން"

އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ކަމެއްގައި ވެސް އޮޅުވާލަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އެކި ފަރާތްތަކުން ވީޑިއޯ މެދުވެރިކޮށް ކުރާ ސުވާލުތަކަށް ދެއްވަމުން ގެންދަވާ "ރައީސް ޖަވާބު" ގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތުމުން އެ މީހުން އަމިއްލަ އަށް ވާހަކަތައް އުފަން ކުރަނީ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅުތައް އެއްފޮތެއްގައި ވަނީ ނެރެފަ އެވެ.

"އޭގައި އަޅުގަނޑަށް ކޯނޗެއްތޯ އޮޅުވާލެވޭނީ؟ އަޅުގަނޑު މިވެނި ރަށެއްގައި ނޫނިއްޔާ މުޅި ރާއްޖެ އަށް ޝާމިލްވާ ކަމެއްގައި ވިޔަސް ދެއްކި ވާހަކައެއް އޮތިއްޔާ އެ އޮތީ ފެންނަނީ. އެހެންވީމާ އެ އޮތީ ފެންނަން. ކިތާބީ ހެކި ފެންނަން އަޅުގަނޑު ދެއްކި ވާހަކައެއް ވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑެއް ކަމެއް އޮޅުވާލައިގެން، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދޭނެ މީހެއް ނޫން އަޅުގަނޑަކީ. ރައްޔިތުންނަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ މަސައްކަތްކުރާ މީހެއް،"--- ރައީސް

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ވެސް އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ރިކޯޑުކޮށް، އަންނަނީ ލިޔަމުންނެވެ. މީޑިއާ އަށް ދެއްވާ އިންޓަވިއުތައް ވެސް ލިޔުމުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. '

"އަޅުގަނޑު ދައްކާ ވާހަކައެއް ވިއްޔާ މި ދައްކަނީ އިހުލާސްތެރިކަމާ އެކީގައި ހިތުގެ އަޑިން. ﷲ ދެކެވޮޑިގެންވާނެ ކަން، ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން އަޅުގަނޑުގެ ލަޔާގަތާއި ގާބިލްކަން ތަން ދިން އެންމެ ފުން މިނަކަށް ސަރުކާރުން އެކަން ކުރުމުގެ ނިޔަތުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ކަމަކަށް ވަކިވަކިން ބެލިޔަސް އިދިކޮޅުން އަމިއްލަ ވާހަކަތައް ހަދައިގެން، ނުވަތަ އާ ވާހަކަތައް އުފަން ކޮށްގެން ފަތުރަމުންދާ ކަމަށެވެ.

"އަޅުގަނޑު [ކުރިން] ދެއްކި ވާހަކައެއް މިވެނި ގޮތަކަށް އަޅުގަނޑު [ފަހުން] ބަދަލުކޮށްފި ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ. އަޅުގަނޑެއް ކަމެއް އޮޅުވާލައިގެން، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދޭނެ މީހެއް ނޫން އަޅުގަނޑަކީ. ރައްޔިތުންނަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ މަސައްކަތްކުރާ މީހެއް،" ރައީސް ވިދާޅުވި އެވެ

އެހެންވެ، ރައީސް މުއިއްޒު އެދިވަޑައިގަތީ ތެދު، ދޮގު ބަލައިގެން ގަބޫލު ކުރުމަށެވެ. އަދި އެންމެން ވެސް ވާންވީ ތެދު ގަބޫލުކުރާ ބަޔަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އެއީ ކިތަންމެ މަތީ މަގާމެއްގައި ކުރިން އުޅުއްވި ބޭފުޅަކު ދެއްކި ވާހަކައަކަށް ވިޔަސް އަދި މިހާރު މަގާމެއްގައި ހުރި ބޭފުޅަކު ދައްކަވާ ވާހަކައަކަށް ވިޔަސް އެ ވާހަކައަކީ ފޭސް ވެލިއުގައި ނޫނިއްޔާ ވަގުތުން ގަބޫލު ކުރަންޖެހޭ ވާހަކައަކަށް ނުވާނެ. އަމިއްލަ އަށް އެނަލައިޒް ކޮށްލައްވާ. އަޅުގަނޑު ދެއްކި ވާހަކަތައް އެ ހުރީ ލިޔުމުން ފެންނަން،" ރައީސް ވިދާޅުވި އެވެ.