Roadha Mihaaru

ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އެމްޑީޕީން ބޮޑު ހިނގާލުމެއް ބާއްވައިފި

ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޮޑުހިނގާލުމެއް ބާއްވައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

31 ޖެނުއަރީ 2025

ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

"ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި އިދިކޮޅު ހަރަކާތުން މިރޭގެ 8 އިން 11:30 ވަންދެން މާލޭގެ ވަށައިގެން ބޭއްވި މި ބޮޑު ހިނގާލުމަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އިދިކޮޅުގައި އޮވެ އެމްޑީޕީން އެންމެ ފުޅާކޮށް މިހާތަނަށް ހިންގި ހަރަކާތެވެ. އެ ހަރަކާތަށް މީހުން މީހުން ނެރުމަށް އެމްޑީޕީގެ އިސްވެރިން މާލޭގެ ގޭގެ އަށް ހިނގައި ބޮޑެތި ކެމްޕެެއިންތަކެއް ހިންގި އެވެ.

މިރޭގެ 8 ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުން އެތައް ސަތޭކަ ސަޕޯޓަރުންނާ އެކު ފެށި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު އެކި ޝިއާރުތައް ހިފައިގެން ތިބެ އަޑު އުފުލައިފަ އެވެ.

މިދިޔަ ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ހިނގާލުމުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.

ނަމަވެސް އެއްވުމުގެ އެއްވެސް ހިސާބަކުން ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ތިބި ނަމަވެސް އެއްވުމަށް ހުރަސް އަޅަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ބައިވެރިން އަމީނީ މަގުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ބައިވެރިން އަމީނީ މަގުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއްވުން ނިންމާލަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މިރޭ ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ މި ސަރުކާރު ބަދަލު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމެވެ.

ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދިވެހިން ލޭ އޮހޮރައިގެން ހޯދާފައިވާ މިނިވަންކަމާއި ހައްގުތައް ހަނިކުރަން ކަމަށާއި އެކަމާ ދެކޮޅަށް އަނެއްކާ ވެސް މަގުމައްޗަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ނަމަވެސް ދިވެހިންގެ ހައްގުތައް އުނި ނުވާނެ ގޮތަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ގާނޫނުއަސާސީން އަޅުގަނޑުމެން އެބަ ޖެހޭ ކަށަވަރު ކުރަން މި ނޫން ގޮތެއް. އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރަންށާއި އަދި ގާނޫނުއަސާސީ އަށް ރައްޔިތުންގެ ހައްގުތައް ގެއްލި ނުދާނެ ގޮތަކަށް ކަށަވަރު ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ ސަރުކާރު ހަމަ މަގަށް އެޅެންދެން، ސިލްސިލާ މުޒާހަރާތަކެއްގެ ގޮތުގައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާރަހާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ ވެސް އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.