07 އެޕްރީލް 2024
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަތިބި ކަމަށާއި އެ ކުދިން ރިހެބިލިޓޭޓް ކުރަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަތިބި ކަމަށާއި އެ ކުދިން ރިހެބިލިޓޭޓް ކުރަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާ ދޭންޖެހޭ ކަމަށެވެ.
އެ ނިޒާމުގެ ތެރެއިން 18 މަސް ދުވަހުގެ ތެރޭގައި މަރުކަޒުތައް ނިންމައި، ބޭނުންކުރަން ފަށަން ޖެހޭނެ ކަމަށް ބުންޏަސް، ފަސް އަހަރުވެގެން ދާއިރު ވެސް އެކަން ނުފެށޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ ޑިޓެންޝަން ސެންޓަރު ފިޔަވާ އެއްވެސް މަރުކަޒެއް ބޭނުމެއް ނުކުރެވެ އެވެ. އެކަމަކު، ކުރީގެ ސަރުކާރުން ވަނީ 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދ. ކުޑަހުވަދޫގައި ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ގާއިމްކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ. މި ފަހުން އެތަނުގެ އިންސްޕެކްޝަން ހެދިއިރު، ރެސިޑެންޝަލް ޓްރީޓްމަންޓް ހުރީ ހިދުމަތް ދެވޭ ގޮތަށް ކަމަށް ނުވާތީ، އެތަނަށް ބަދަލުތައް ގެންނަން ކޮންޓްރެކްޓަރަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ރެސިޑެންޝަލް ފަރުވާއަށްފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ގާނޫނު ބުނާގޮތުން ހާފްވޭ ހައުސްއަށެވެ. އެ ފަރުވާ ދިނުމަށް ހއ. ހޯރަފުށީގައި ވަނީ ހާފްވޭ ހައުސެއް ހަދައިފަ އެވެ.
މަންމައަކު ކުއްޖަކު ގޮވައިގެން ހިނގާފައި ދަނީ--- ފޮޓޯ: މިހާރު
"ސްޓެޕް 1، ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި ސްޓެޕް ދޭކަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގައި. އެހެންވެ، އަޅުގަނޑުމެން މިހާރު ނަގާފައި އޮތް އެއް ޑިސިޝަނަކީ ހޯރަފުށީގައި ހުރި ތަން އަޅުގަނޑުމެން ފުރަތަމަ ފައްޓާނީ ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ކަމަށް. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާގައި އެތަން ހުޅުވާނަން." އިސްކަންދަރުކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިހުސާން ވިދާޅުވި އެވެ.
"ހުޅުވާފައި މިހާރު އެޓް ރިސްކްގައި ތިބި، އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ޕްރައޮރިޓީއަށް ލެވޭ، އެތަނުގެ މެކްސިމަމް ކެޕޭސިޓީއަށް ނެގޭނެ ކުދިން އަޅުގަނޑުމެން އެތަނަށް ނަގައިގެން ރިހެބިލިޓޭޝަން ފަށާނަން. މުޅި ރާއްޖޭގައި އެޓް ރިސްކްގައި އަޅުގަނޑުމެން އެޓެންޑް ކުރަންވެފައި ތިބި ކަމަށް މިހާރު ރިކޯޑުތަކަށް އެބަ ދައްކާ 200 އެއްހާ ކުދިން."
ނުރައްކަލުގައި ތިބި ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ދިގު މުއްދަތަކަށް ރެސިޑެންޝަލް ފަރުވާ ދިނުމަކީ ވެސް އެ ގާނޫނުން ކުރަންޖެހޭ ކަމަށެވެ. އާއިލާއިން ނުބެލެހެއްޓުމާއި އަހުލާގީ މައްސަލަތައް ހުރުމާއި މުޖުތަމައުއިން އެކަހެރިވެގެން ދިއުން ނުވަތަ އެކި ކުށްތަކަށް އަރައިގަންނަ މީހުންނާ އެކީ އުޅޭ ކުދިން އެ ފެސިލިޓީއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މި ފެސިލިޓީތައް ގާއިމްކުރެވިގެން އައުމުން މި މައްސަލައިގެ އަސްލު ޖުމްލަ ހައްލު، ގާނޫނުން އެ އެންވިޝަން ކުރާ ޖުމްލަ ހައްލު ލިބޭނެ ކަމަށް އަޅުގަނޑުމެން ބަލަނީ.-- އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، "ލޯންގްޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީ" ގާއިމްކުރަން ވަކި ރަށެއް ހަމަޖައްސައި، 18 އަހަރު ވަންދެން އެ ކުދިން ބަލަހައްޓާނެ ކަމަށެވެ. ނަމަވެސް، އެކަން ކުރެވޭނީ ކޯޓުގެ އަމުރަކާއެކުގަ އެވެ.
"އަޅުގަނޑުމެންގެ މި ފެސިލިޓީތައް ގާއިމްކުރެވިގެން އައުމުން މި މައްސަލައިގެ އަސްލު ޖުމްލަ ހައްލު، ގާނޫނުން އެ އެންވިޝަން ކުރާ ޖުމްލަ ހައްލު ލިބޭނެ ކަމަށް އަޅުގަނޑުމެން ބަލަނީ." އޭނާ ވިދާޅުވި އެވެ.
އެ ތަންތަނުގައި ދީނީ އަދި ރަސްމީ ތައުލީމާއި އަހުލާގީ ފަރުވާ އަދި ހުނަރު ތަރައްގީކުރުމާއި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރަމް ހިންގާނެ އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށްފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.
ނަމަވެސް، އެ އުމުރު މަތިކުރުމުން، ބޮޑެތި ކުށްތައް ކުރާ ކުދިންނަށް އަދަބު ނުދެވޭތީ ކަމާގުޅޭ ފަރާތްތަކުން ވެސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް، 12 އަހަރުވުމުން ޖިނާއީ ކުށަށް ޒިންމާވާންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އީދު ބަންދަށްފަހު އޮފީސްތައް ހުޅުވުމުން އެ މަސައްކަތް ފަށާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވި އެވެ.
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި
ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވައްދާ: އިހުސާން
ގޭންގުތަކާއި މީހުންގެ ނަންތައް އާއްމުކުރާނަން: އިހުސާން
ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރަނީ ވާނީގައި
ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ދެ ޑްރޯން ހަދިޔާކޮށްފި
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް