Roadha Mihaaru
ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ.

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ. ބަހަން ފަށައިފި

09 އެޕްރީލް 2024

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000ރ. ބަހަން އިއްޔެ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000ރ. ބަހަން އިއްޔެ ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެ ރަށަކުން ލިބޭ އެއްޗެހި އެ ރަށެއްގެ ފަގީރުންނަށެވެ. އަދި އެ ރަށެއްގައި ފަގީރަކު ނެތް ނަމަ، އެންމެ ކައިރީގައި އޮތް ފަގީރުން ތިބި ރަށަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި އަހަރު މާލެއަށް ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8،000ރ. ގެ ރޭޓުން ފިތުރު ޒަކާތް ވަނީ ބަހަން ފަށައިފައި. ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް،" އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރިވެފައިވާ މީހުންގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި މި ސަރުކާރު އުފައްދާފައިވާ އާ އިދާރާ މޯލްޑިވްސް ޒަކާތު ހައުސް އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 4.5 މިލިއަން ރުފިޔާ ލިބިފަ އެވެ.

މާލޭގައި ގޮވާމުން ވެސް ޒަކާތް ބަލައިގަތެވެ. އަދި ގޮވާމުން ޒަކާތް ބެހުމުގެ އިއްޔެ އާއި މިއަދު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގޮވާމުން ޒަކާތް ބެހުމުން މިއަދު އޮންނަނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ހެނދުނު 11:00 އިން މެންދުރުފަހު 3:30 އަށެވެ. އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8،000 އެއްހާ މީހުން ތިބެ އެވެ.