Roadha Mihaaru
ޒަކާތް ބަހަންޖެހޭނީ އަލުން ހަދާ ލިސްޓަކަށް: ޝަހީމް

މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބެހުމަކީ ރަނގަޅުގޮތެއް ނޫން: ޑރ. ޝަހީމް

15 މެއި 2020

މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް މި އަހަރު ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މިދިޔަ އަހަރު އެކުލަވައިލި ފަގީރުންގެ ލިސްޓަށް މި އަހަރު ފިތުރު ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާއި މި އަހަރުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ހާލުގައިޖެހިފައިވާ ކަމަށާއި އެހެންވެ މި އަހަރު ޒަކާތް ބަހާއިރު ލިސްޓު އާ ނުކޮށް ޒަކާތް ބެހުމަކީ ޝަރުއީ ނަޒަރަކުން ބަލާއިރު ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ޒަކާތުގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިފައިވާއިރު، މި އަހަރުގެ ފިތުރު ޒަކާތް ބަހަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ކަމަށް އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރު ވަނީ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މި ވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ 8،764 މީހުންނެވެ. މިހާރު ހާލަތު އޮތް ގޮތުން ނިންމާފައި ވަނީ ޒަކާތް ލިބޭ މީހުންނަށް އެ މީހުންގެ އެކައުންޓަށް ޒަކާތުގެ ފައިސާ ޖަމާވާނެ އިންތިޒާމް ހަމަޖައްސަން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު މުޅި މާލެ ލޮކްޑައުންކޮށްފައިވާއިރު މިއަހަރުގެ ފިތުރު ޒަކާތް ދެއްކުން އޮތީ ހަމައެކަނި އޮންލައިންކޮށް ފައިސާއިންނެވެ. ގޮވާމުން މިފަހަރު ޒަކާތް ބަލެއް ނުގަނެ އެވެ.