Roadha Mihaaru
ޒަކާތަށް މާލެއިން 5.5 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން 5.5 މިލިއަން ރުފިޔާ

28 އެޕްރީލް 2022

ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން އިއްޔެގެ ނިޔަލަށް 5.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން އިއްޔެގެ ނިޔަލަށް 5.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް އަފްރާހު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން މިހާތަނަށް 107،132 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި 5.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށާއި ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށެވެ. މިނިސްޓްރީން ބުނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ވަގުތަކީ މާދަމާގެ އިރުއޮއްސި 6:00 އެވެ.

ފިތުރު ޒަކާތުގެ މިންވަރު

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ ކަންކަން ހަމަޖައްސާނީ އެ ރަށެއް ކައުންސިލްގެ އިދާރާއަކުންނެވެ. މިދިޔަ އަހަރު ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި އަލަށް އެކުލަވާލާއި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނުނު މީހުންގެ އަދަދު ވެސް 2،000 އިން ވަނީ މަދުވެފަ އެވެ. މި އަހަރު އެކުލަވައިލި ފަގީރުންގެ ދަފްތަރުގައި ހިމެނެނީ 9،041 މީހެކެވެ.