Roadha Mihaaru
ހޮސްޕިޓަލްތައް އޮންލައިންކޮށް އާސަންދައާ ގުޅާލަނީ

ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއް އޮންލައިންކޮށް އާސަންދައާ ގުޅާލަނީ

19 ފެބުރުއަރީ 2017

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް، އޮންލައިން އާ ޕޯޓަލްއެއް މެދުވެރިކޮށް އާސަންދައާ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް، އޮންލައިން އާ ޕޯޓަލްއެއް މެދުވެރިކޮށް އާސަންދައާ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

"ވިނަވި" ނަން ދީފައިވާ މި ޕޯޓަލް މިއަދު ވަނީ އދ. އަތޮޅުގެ ސިއްހީ ހިދުމަތް ދޭ ތަންތަނާ ގުޅާލާފަ އެވެ. މި ހިދުމަތް މިއަދު ފައްޓަވާދެއްވީ އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އާސަންދައިން ކުރާ ހަރަދުތައް ބެލެހެއްޓުމަށް މީގެ ކުރިން ވެސް މި ފަދަ ސޮފްޓްވެއާއެއް ބޭނުން ކުރެ އެވެ. އެކަމަކު ހަމައެކަނި ފައިސާގެ ހަރަދުތައް ބެލެހެއްޓުމުގެ ބަދަލުގައި "ވިނަވީ"ގެ ޒަރީއާއިން ބަލި މީހާގެ މެޑިކަލް ހިސްޓަރީގެ ހުރިހާ ކަމެއް ބަލާލެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއް އޮންލައިންކޮށް ގުޅާލާ "ވިނަވި" ޕޯޓަލްގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ އިތުރުން ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ - ފޮޓޯ/ ހެލްތު މިނިސްޓްރީ

އާސަންދައިން ބުނީ މި ޕޯޓަލްގައި މިހާރު ހިމެނެނީ އދ. އަތޮޅުގެ ދިހަ ރަށެއް ނަމަވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަނަކާ މި ހިދުމަތް ގުޅުވާލާނެ ކަމަށެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ ހޮސްޕިޓަލަކަށް ފަރުވާ ހޯދަންދާ ބަލި މީހާ ކުރިން ހޯދާފައިވާ ހުރިހާ ފަރުވާތަކެއްގެ ތަފްސީލު ޑޮކްޓަރުންނަށް މި ޕޯޓަލްގެ ޒަރީއާއިން ބަލާލެވޭނެ ކަމަށެވެ. މީހަކު ބަލިވެގެން ރާއްޖޭން ބޭރަށް ދާއިރު އެ މީހެއްގެ މެޑިކަލް ހިސްޓަރީ ފަސޭހައިން ބަލާލެވެން ހުރުމަކީ ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް މިހާރު ދެނީ ހަމައެކަނި ހޮސްޕިޓަލުތަކާއި އާސަންދަ އޮފީހުގައި އިންޓާނަލް ކޮށެވެ. އެކަމަކު އަމާޒަކީ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ބޭސް ފަރުވާގެ ތަފްސީލު ކުރިއަށް އޮތްތަނުގައި ފަސޭހައިން ފެންނާނެ ގޮތަށް މި ހިދުމަތް ތަރައްގީ ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މެޑިކަލް ހިސްޓަރީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް ޑޮކްޓަރުންނަށް އޮންލައިންކޮށް ބޭސް ފިހާރަތަކަށް ބޭސް ސިޓީ ފޮނުވޭނެ އެވެ. އަދި ބަލި މީހާ އޭނާގެ އައިޑީ ކާޑު ދައްކާލުމުން ބޭސް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިދުމަތް ތައާރަފްކޮށް، ސިއްހީ ހިދުމަތްދޭ މުވައްޒަފުން މިކަމަށް ތަމްރީނު ކުރުމުގެ މަސައްކަތް އާސަންދައިގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.