Roadha Mihaaru
ކެންގަރޫ އަދި ބިލަބޮންގުގެ އާ އިމާރާތް ބިންގާ އަޅައިފި

އައްޑޫގެ ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

10 މާޗް 2021

ސ. ހިތަދޫގައި ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ސްކޫލުގެ އާ އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. ހިތަދޫގައި ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ސްކޫލުގެ އާ އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި 16،000 އަކަފޫޓު ބޮޑު ބިމުގައި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ސްކޫލު ޕްރިންސިޕަލް އައިޝަތު އަޒްރާ އަދި ޓީޗަރުންނާއި ސްޓޫޑެންޓް ލީޑަރުންނެވެ.

އެ ތަނުގައި 13 ކްލާސްރޫމާއި ހޯލެއްގެ އިތުރުން ބަސް ޓާމިނަލެއް ހަދަން ހަވާލުކޮށްފައިވަނީ ދޮންނާ ބިލްޑާސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އަމާޒަކީ އާ އިމާރާތުގައި ވީހާ ވެސް އަވަހަކަށް ކިޔަވައިދޭން ފެށުމެވެ.

އައްޑޫގައި ޖެނުއަރީ 2012 ން ފެށިގެން ހިންގަމުން އަންނަ ބިލަބޮންގް ހައިި ކެންގަރޫ ކިޑްސް ސްކޫލަކީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓް (އީޑީއައި) އަދި އައިލެންޑާސް އެޑިއުކޭޝަނާއެކު ވެފައިވާ ސަބް ފްރެންޗައިސް އެއްބަސްވުމުގެ ދަށުން އީޑީއައިން ހިންގަމުން އަންނަ ސްކޫލެކެވެ.

ސްކޫލު ޕްރިންސިޕަލް އަޒްރާ ވިދާޅުވީ އާ އިމާރާތް ނިމުމުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ދަރިވަރުންނަށް އިތުރު ރިސޯސް ރޫމުތައް ގާއިމްކުރެވޭނެ ކަމަށެވެ.

"ސްކޫލުގައި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް މި އިމާރާތުގެ ސަބަބުން އިތުރު ހިދުމަތްތަކާ އެކު ތަނަވަސް ޖާގައިގެ ހިތްހަމަޖެހުން ލިބިގެންދާނެ. އަދި މި ސްކޫލަށް ވަންނަން ބޭނުންވާ ނަމަވެސް ޖާގަނެތުމުގެ ސަބަބުން ފުރުސަތު ނުލިބޭ ދަިރވަރުންނަށް ވެސް މީ ވަރަށް އުފާވެރި ހަބަރެއް. މި އިމާރާތާއެކު ފުރުސަތު ދެވޭ ދަރިވަރުންގެ އަދަދު ވެސް ވަރަށް ބޮޑުތަނުން އިތުރުކުރެވޭނެ،" އަޒްރާ ވިދާޅުވި އެވެ.

ދެ ފަރާތުން ގުޅިގެން އަޅާ އިމާރާތާއެކު އީޑީއީގެ ތައުލީމީ ތަސައްވަރުގައި ވާ ގޯލްތަކާއެކު އާ އުސްމިންތަކަކަށް ހާސިލްވެވޭނެ ކަމަށް ސްކޫލުން ބުންޏެވެ.

އައްޑޫގެ ބިލަބޮންގް ސްކޫލާއި ކެންގަރޫ ކިޑްސްގައި 444 ދަރިވަރުން ކިޔަވަ އެވެ.