Roadha Mihaaru
ކުޅުދުއްފުށީގެ ދެ ގޮނޑި ވެސް ސަރުކާރަށް

ކުޅުދުއްފުށީގެ ދެ ގޮނޑި ވެސް އެމްޑީޕީ އަށް ގެއްލި، ޕީއެންސީ އަށް

21 އެޕްރީލް 2024

އެމްޑީޕީ އަށް ތާއިދު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްޑީޕީ އަށް ތާއިދު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ވަހީދާ ވާދަކޮށް، ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދެވެ.

އެ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީގެ ޖަމްޝީދު މުހައްމަދެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެ ދާއިރާގެ މިހާރުގެ މެންބަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް ޔާސިރު އަބްދުއްލަތީފާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ދާއޫދެވެ. ދާއޫދަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރެކެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި، ފެހި ގާނޫނުއަސާސީ އެކުލަވާލިފަހުން އެމްޑީޕީ އަށް ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ. މީގެކުރީ ތިން ދައުރުގައި ވެސް ބޮޑު އަޣުލަބިއްޔަތަކުން އެ ދާއިރާގެ ގޮނޑި ދިފާއު ކުރަމުން ދިޔައީ އެމްޑީޕީންނެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދީ ޕީއެންސީންނެވެ.

އައްޑޫ އާއި މާލެއަކީ އަބަދުވެސް އެމްޑީޕީން މެޖޯރިޓީ ހޯދާ ދެ ސިޓީ އެވެ. ފުވައްމުލައް ސިޓީގެ ގޮނޑިތައް ވެސް ހޯދާފައި ވަނީ ޕީއެންސީންނެވެ.