Roadha Mihaaru
ވާދަވެރިކަން ބޮޑުވި ތިމަރަފުށީގެ ގޮނޑި ރިޔާޒަށް

ވާދަވެރިކަން ބޮޑުވި ތިމަރަފުށީ ދާއިރާގެ ގޮނޑި ރިޔާޒަށް

21 އެޕްރީލް 2024

ތިމަރަފުށީ ދާއިރާގެ ގޮނޑި، އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ، އަހުމަދު ރިޔާޒު ކާމިޔާބުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިމަރަފުށީ ދާއިރާގެ ގޮނޑި، އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ، އަހުމަދު ރިޔާޒު ކާމިޔާބުކުރައްވައިފި އެވެ.

އެ ދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި، އެޑިއުކޭޝަންގެ ކުރީގެ ސްޓޭޓް މިނިސްޓަރު ރިޔާޒުގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ސަނާހު (ސަންޓޯ) އާއި އެމްޑީޕީގެ ފަރާތުން ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލާއި ޑިމޮކްރެޓްސްގެ ޓިކެޓުގައި ފާތިމަތު ޒިލްމާ އަދި އަމިއްލަ ގޮތުން ރިލްވާން އަބްދުﷲ އެވެ.

ޕީއެންސީގެ ޓިކެޓުގައި ސަންޓޯ ވާދަކުރެއްވިއަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދާއިރާއަށް އެ މަނިކުފާނުގެ ތާއީދު ރިޔާޒަށް ދެއްވައިފަ އެވެ. އެހެންވެ، އެ ދާއިރާގެ ވާދަވެރިކަން ފަހުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ރިޔާޒު އެ ގޮނޑި ކާމިޔާބުކުރެއްވީ 779 ވޯޓާ އެކުގަ އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ސަންޓޯ އަށް 700 ވޯޓު އަދި ފަތުހުﷲ އަށް 687 ވޯޓު ލިބިވަޑައިގެންނެވި އެވެ.

ތިމަރަފުށީގައި ބެހެއްޓި ތިން ފޮށިން ރިޔާޒަށް 194 ވޯޓު، ފަތުހުﷲ އަށް 217 އަދި ސަންޓޯ އަށް 305 ވޯޓު ލިބިވަޑައިގަތެވެ. ރިޔާޒަށް ކުރި ލިބިވަޑައިގަތީ ވޭމަންޑޫ ފޮށިންނެވެ.