24 އެޕްރީލް 2024
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 1،000 ވަނަ "އޯޝަނިކް މަންތާ ރޭ" ފެނުން މިދިޔަ ހަފުތާގައި ފާހަގަކޮށްފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 1،000 ވަނަ "އޯޝަނިކް މަންތާ ރޭ" ފެނުން މިދިޔަ ހަފުތާގައި ފާހަގަކޮށްފި އެވެ.
މަންތާ ހިމާޔަތްކުރުމަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓްއާ ގުޅިގެން ރާއްޖޭގައި ހިންގާ "މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމް (އެމްއެމްސީޕީ)" އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 1،000 ވަނަ އޯޝަނިކް މަންތާ ރޭ އެންމެ އާންމުކޮށް ފެނިފައި ވަނީ ފުވައްމުލަކު ކައިރިން ކަމަށެވެ. އަދި މިކަން ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގެ ކައުންސިލާ ގުޅިގެން ހާއްސަ އިވެންޓެއް ބޭއްވި ކަމަށް ވެސް އެމްއެމްސީޕީ ބުންޏެވެ.
އެ އިވެންޓުގައި ވަނީ މި ބާވަތުގެ އޯޝަނިކް މަންތާ ރޭ އަށް ހާއްސަ ދިވެހި ނަމެއް ވެސް ދީފަ އެވެ. -- އެއަށް ދިން ނަމަކީ "އަނބު" އެވެ.
"މި މަންތާ ރޭ ދެނެގަނެވުމަކީ މަންތާ ހިމާޔަތްކުރުމަށް ގުޅިގެން މި ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް އަދި ކުރިއެރުމެއް ކަމަށް ވެސް ގަބޫލުކުރަން،" އެ ބަޔާނުގައިވެ އެވެ.
ރާއްޖޭން 1،000 ވަނަ އޯޝަނިކް މަންތާ ރޭ ފެނުން ފާހަގަކުރުމަށް ފުވައްމުލަކުގައި ބޭއްވި އިވެންޓު.-- ފޮޓޯ: ޖޭސްމިން ކޯބެޓް
އެމްއެމްސީޕީން ބުނީ މި 1،000 ވަނަ މަންތާ ރޭ އައިޑެންޓިފައިކޮށްފައި ވަނީ އެމްއެމްސީޕީން ރިސާޗުތަކާއި އާންމުން ހުށަހަޅާފައިވާ މައުލޫމާތާއި ޑައިވް ސެންޓަރުތަކުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.
އޯޝަނިކް މަންތާ ރޭ އަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެ ދުނިޔޭގެ ރެޑް ލިސްޓުގައި ވެސް ހިމަނާފައިވާ ދިރުމެކެވެ.
އެހެންވެ، އެމްއެމްސީޕީން ބުނި ގޮތުގައި، ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ އޯޝަނިކް މަންތާ ރޭގެ އިތުރު އެއްޗެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުމަކީ މި ދިރުން ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އުއްމީދު އާވި ކަމެކެވެ.
"ރާއްޖެ އަކީ މިހާރު ރީފް މަންތާ ރޭގެ ބާވަތްތަކުގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމު. އަދި ދުނިޔޭގެ ތިންވަނަ އަށް އެންމެ ގިނަ އޯޝަނިކް މަންތާ ރޭގެ އެކި ބާވަތްތަކުގެ އާބާދީގެ ރެކޯޑް ވެސް ދަމަހައްޓާ ގައުމު،" އެމްއެމްސީޕީން ބުންޏެވެ.
އެމްއެމްސީޕީ އަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން ހިންގާ "ރަށްވެހި ޕްރޮގްރާމް"ގެ ކޯޑިނޭޓަރު ފައުޒް ފަތުހީ ބުނީ މަންތާ ރޭގެ ބާވަތްތައް ވަކިކުރުމަށް ބަލަނީ އޭގެ ބަނޑުގައި ހުންނަ ޕެޓާނަކަށް ކަމަށެވެ. އިންސާނުންގެ އިނގިލީގެ ނިޝާނާ އެއްގޮތަށް ކޮންމެ މަންތާ ރޭއެއްގައި ވެސް މި ޕެޓާން ތަފާތުވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ސްކޫބާ ޑައިވްކޮށްގެންނާއި ފްރީ ޑައިވްކޮށްގެން މަންޓާ ރޭގެ ބަނޑުގައި ހުންނަ މި ޕެޓާންތަކުގެ ފޮޓޯ ނަގައި ޑޭޓާބޭސްއެއް ހަދައިގެން މި 1،000 ވަނަ އޯޝަނިކް މަންތާ ރޭ އައިޑެންޓިފައި ކުރީ،" ފައުޒް ބުންޏެވެ.
އޯޝެނިކް މަންޓާ ރޭއެއް ކައިރީގައި މީހަކު ފީނަނީ.-- ފޮޓޯ: ސައިމަން ހިލްބޯން
ފައުޒް ބުނީ އޯޝަނިކް މަންތާ ރޭ އަށް ރާއްޖެ ހާއްސަވާ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އޯޝަނިކް މަންތާ ރޭ އާންމުކޮށް ފެންނަ ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މި އެއްޗެހި އުޅޭ ގޮތް ވެސް ވަރަށް ތަފާތު ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަންނަ އޯޝަނިކް މަންތާ ރޭ އާންމުކޮށް ފެންނަނީ ދުވަހެއް ނުވަތަ ދެ ދުވަހެއް ވަންދެން ކަމަށް ވެސް އޭނާ ބުންޏެވެ.
"...އެހެންވެ، ބެލެވޭ ގޮތުގައި ރާއްޖެއަކީ އޯޝަނިކް މަންތާ ރޭ ޓްރާންސިޓްކުރަން އަންނަ ސަރަހައްދެއް. މި އެއްޗެހި ރާއްޖެ އަންނަނީ ކޮން ސަރަހައްދަކުން ކަމާއި ރާއްޖެ ދޫކޮށް ދެން ދަނީ ކޮން ސަރަހައްދަކަށް ކަމެއް އެއީ އަދިވެސް ނޭނގި އޮތް ކަމެއް،" ފައުޒް ބުންޏެވެ.
ސްރީ ލަންކާ އަކީ ދުނިޔޭގައި މަންތާގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ގައުމެވެ. ލަންކާގައި އަހަރަކު 1،000 އަށް ވުރެ ގިނަ ބާވަތުގެ މަންތާ ބާނާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްސީޕީ އާއި ފައުޒް ވެސް ފާހަގަކުރި އެއް ކަމަކީ ލަންކާގައި ކުރާ މަންތާގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގައި އޮތް މަންތާ ރޭގެ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރެވެ.
އޯޝެނިކް މަންތާ ރޭއެއް ކައިރީގައި މީހަކު ޑައިވް ކުރަނީ.-- ފޮޓޯ: ސައިމަން ހިލްބޯން
ފައުޒް ބުނީ އޯޝަނިކް މަންތާ ރޭ އަކީ ކާނާ ހޯދުމަށާއި މޭޓްކުރުމަށްޓަކައި ވަރަށް ދުރަށް ދަތުރުކުރާ އެއްޗެއް ކަމަށެވެ.
"ރާއްޖެ އާއި ލަންކާއާ ދެމެދު 1،000 ކިލޯމީޓަރުގެ ދުރުމިނެއް މި ހުންނަނީ. އެހެންވެ ފުރުސަތު ވަރަށް ބޮޑު މި ދެމެދުގައި އޯޝެނިކް މަންތާ ރޭ ދަތުރުކޮށްފާނެ ކަމުގެ،" އޭނާ ބުންޏެވެ.
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
މަޑިތަކަށް ގޯނާކުރާތީ އީޕީއޭގެ އިންޒާރެއް!
އާ ދިރާސާއެއްގައި ބުނަނީ މިޔަރާއި މަޑި ހުސްވެދާނެއޭ
ފުނަދޫގައި އެންމަޑިއެއް ގެންގުޅުނު މައްސަލަ ހޫނުވެއްޖެ
ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ: ތޯރިގް
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި
ސްޓާޓަޕްތަކަށް "ލޯ ކާބަން އާތު" ޕްރޮގްރާމުގެ ފުރުސަތު
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!