Roadha Mihaaru
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި

ސްޓެލްކޯއިން 30،000 އަށް ވުރެ ގިނަ ގަސް އިންދައިފި

28 އޯގަސްޓް 2024

ސަރުކާރުން ފަށާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސަރުކާރުން ފަށާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓެލްކޯއިން ވެސް މަދުވެގެން 500،000 ގަސް އިންދުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން ގަސް އިންދުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ ޖޫން މަހު އެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް އެ ކުންފުނިން ވަނީ 30،371 ގަސް އިންދައިފަ އެވެ. އެއީ:

1. ޖޫން 5: ކ. ތުލުސްދޫ އާއި އެ ކުންފުނިން ހިދުމަތްދޭ އެހެން ރަށްރަށުގައި 21،007 ގަސް

2. ޖޫން 12: ކ. ދިއްފުށީ އިންޖީނުގޭ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި 1،000 ގަސް

3. އޮގަސްޓް 24: އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައި 8،364 ގަސް

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖެ ތައްޔާރުވުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

އެންވަޔަރަމެންޓް މިިނިސްޓްރީން ބުނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަން ކުރާނެ ކަމަށް ވެސް ބުންޏެވެ.