Roadha Mihaaru
މަޑިތަކަށް ގޯނާކުރާތީ އީޕީއޭގެ އިންޒާރެއް!

މަޑިތަކަށް ގޯނާކުރާތީ އީޕީއޭގެ އިންޒާރެއް!

29 ޑިސެމްބަރ 2022

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް މީހުން ކަންކަން ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް މީހުން ކަންކަން ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އެ އިދާރާގެ އިއުލާނެއްގައި ބުނީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރަށްރަށަށް ދަތުރުކުރުން އިތުރުވެ، ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ޓޫރިޒަމާ ގުޅޭ ސްނޯކްލިންގް އާއި ޑައިވިން އާއި ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި އާއި ވައިފިޔަމަޑި އާއި މަޑީގެ އެހެން ބާވަތްތައް ބެލުމުގެ ޝައުގުވެރިކަން ވެސް އިިތުރުވެފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް ސްނޯކްލިންގް އާއި ޑައިވިން އާއި ކްރޫޒިން އަދި މޫދަށް އެރި އުޅޭއިރު، ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް މީހުންގެ އަމަލުތައް ހުރުމަކީ އެ އެޖެންސީން ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެހެންވެ، އީޕީއޭއިން ބުނިގޮތުގައި، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ އެވެ.

އީޕީއޭއިން އެ އިއުލާން ނެރުނީ ކަނޑުގެ ބައެއް ދިރުންތަކަށް ކާންދޭ މައްސަލަ ބޮޑުވެ، އެ ވާހަކަ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ދައްކަވާފައި ވަނިކޮށެވެ. ކަނޑުގެ ބައެއް ދިރުންތަކަށް އުނދަގޫވާ ގޮތަށް އެ އެއްޗެހި ބަލަން މީހުން ގޮސް އުޅޭ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް އެ ޕްރޮގްރާމްގައި އޭނާ ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އެ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އުނދަގޫވާ އަމަލެއް ކުރުމަކީ މަނާކަމެކެވެ.

އީޕީއޭއިން ބުނީ ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރު ކަމުގައި ނުވެފައި، އެ ތަކެތީގައި އަތްލައި ކާންދީ ހެދުމަކީ އޭގެ ތަބީއީ ގޮތްތަކަށާއި ގުދުރަތީ ނިޒާމަށް ބުރޫ އަރައި، އެކި ކަހަލަ ބަލިތަކަށް މި ދިރުންތައް ހުށަހެޅޭނެ އަމަލެއް ކަމަށެވެ.

ސަމާލުވާންވީ ކަންކަން

• އުޅަނދުފަހަރުގައި މަޑި ބަލަން ދާއިރު، މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބުރުނާރާނެ ގޮތަށް މަދުވެގެން ތިން މީޓަރު (10 ފޫޓު) ދުރުގައި އުޅަނދު ބޭއްވުން.

• ބައެއް މަޑީގެ ދިރުންތަކަކީ ކާނާ ހޯދުމަށް ތިލައިގައި އުޅޭ ދިރުންތަކަށް ވާތީ އެ ހާލަތްތަކުގައި އެ ސޮރުމެންނަށް ގޯނާ ނުވާ ގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކުރުން.

• މޫދަށް އެރިއުޅޭ މީހުން ވެސް މަޑިއަށް އުނދަގޫނުވާ ގޮތަށް އުޅުން.

އެންމަޑި އާއި ވައިފިޔަމަޑި އަދި މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުއާހަދާތަކާއި ޖަމިއްޔާތަކުން މަދުވެ، ނެތިގެންދާ ކަމަށް ފާހަގަކޮށްފައިވާ ބާވަތްތައް ކަމަށް އީޕީއޭ އިން ބުންޏެވެ.

"މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާ މެދު މި އޭޖެންސީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން ވެސް އަންގަމެވެ،" އިއުލާނުގައި ބުންޏެވެ.

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަނޑުގެ ބައެއް ސަރަހައްދުތަކަކަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ. އެކަމަކު އެ ތަންތަން ރަނގަޅަށް މޮނީޓާނުކުރެވި، ޓޫރިސްޓުން ތޮއްޖައްސައި، ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ މައްސަލަ ވަރަށް ބޮޑެވެ.