Roadha Mihaaru
ޕީއެންސީގެ ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް

ޕީއެންސީގެ ޓިކެޓް ލިބުނު ކެންޑިޑޭޓު ކޫކުގެ ތާއީދު ޒަމީރަށް

25 މާޗް 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މައްޗަންގޮޅި މެދުދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި މުހައްމަދު އަބްދުލްގާދިރު (ކޫކު) އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރު އަށް ތާއީދު ކުރަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މައްޗަންގޮޅި މެދުދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި މުހައްމަދު އަބްދުލްގާދިރު (ކޫކު) އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރު އަށް ތާއީދު ކުރަން ނިންމައިފި އެވެ.

ޒަމީރަކީ މާލެ ސިޓީ ކައުންސިލްގެ މެމްބަރެކެވެ. އޭނާއަކީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެ އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ކޫކު އަށް ލިބުނީ 174 ވޯޓެވެ. ޒަމީރަށް ހޯއްދެވުނީ 127 ވޯޓެވެ.

ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން، ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވެސް ކޫކު ބައިވެރިވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޫކު ވަނީ ރައީސް މުއިއްޒުގެ ތާއީދުގެ އޮތް ކެންޑިޑޭޓް ޒަމީރަށް ތާއީދުކޮށް ވޯޓު ދިނުމަށް މައްޗަންގޮޅި މެދުދާއިރާގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

ޒަމީރަށް ތާއީދު ކުރަން ކޫކު ނިންމުމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ހިތްތިރި، އިހުލާސްތެރި ނިންމުމެއް ކަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި މައްޗަންގޮޅި މެދުދާއިރާ އަށް ވާދަކުރަން އެންމެ ފަހުން ނިންމި ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މި ދާއިރާގެ ގޮނޑި އަޅުގަނޑުމެންނަށް، ޕާޓީ އަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެން، މި ގޮނޑި ކާމިޔާބު ކުރަން އެންމެ ވިސްނުންތެރި، މަސްލަހަތު ރަނގަޅު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު ގޮތް ކަމަށް ގަބޫލު ކުރައްވަވައި ޒަމީރު އަށް ތާއީދު ކުރަން ނިންމި ނިންމުމަކީ ވަރަށް ވަރަށް ހިތްތިރި ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.

އެހެންވެ، މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ކޫކު އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"އެއީ އާދައިގެ މީހަކު ކުރައްވާނެ ކަމެއް ނޫން. އެއީ ވަރަށް ބޮޑު ހިތެއް އޮތް ބޭފުޅަކަށް ނޫނީ ނުކުރެއްވޭނެ ކަމެއް،" ކޫކު ނިންމުމަށް ތައުރީފު އޮއްސަވަމުން ރައީސް ވިދާޅުވި އެވެ.