Roadha Mihaaru
ގާލްސް ޓު ކޯޑް ޕްރޮގްރާމުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ދިއްދޫގައި ބާއްވާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

02 މެއި 2024

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ޓު ކޯޑް"ގެ ހއ. ދިއްދޫގައި ބާއްވާ ޕްރޮގްރާމުގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ޓު ކޯޑް"ގެ ހއ. ދިއްދޫގައި ބާއްވާ ޕްރޮގްރާމުގެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

މިއީ ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ބާއްވާ "ގާލްސް ޓު ކޯޑް"ގެ ފަސް ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ "އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ"އާ ދިމާކޮށް ކަމަށް ދިރާގުން ބުންޏެވެ.

ހއ. ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އޮންލައިން ފޯމް، https://bit.ly/4aMNRqp މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މި ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށެވެ. މި ޕްރޮގްރާމަށް ކުދިން ހޮވުމުގައި މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް އިސްކަން ދޭނެ އެވެ.

މި ޕްރޮގްރާމުގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

"ގާލްސް ޓު ކޯޑް" ޕްރޮގްރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުވުން ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޯޑިން އާއި ޑިޖިޓަލް ހުނަރުތައް ހޯދުމަށް މަގުފަހިކޮށްދެ އެވެ.