Roadha Mihaaru
އަންހެން ކުދިން ކޯޑިން ދަސްކުރާ ޕްރޮގްރާމް ދިއްދޫގައި

އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ދިއްދޫގައި

09 ޖުލައި 2024

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭން ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސް ޓު ކޯޑު"ގެ ހއ. ދިއްދޫ އެޑިޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭން ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސް ޓު ކޯޑު"ގެ ހއ. ދިއްދޫ އެޑިޝަން ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެންނެވެ.

"ގާލްސް ޓު ކޯޑު"ގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވުން ކަމަށް ދިރާގުން ބުންޏެވެ. އަދި މި ޕްރޮގްރާމްގައި، މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް އަމަލީގޮތުން ކޯޑްކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަން ވެސް ދަސްވެގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ޝާމިލު މުޖުތަމައުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ހއ. ދިއްދޫގައި ބާއްވާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިން ހުނަރު ދަސްކޮށްދީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުމެވެ. އަދި މި ޕްރޮގުރާމުން އާ ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް މަރިޔަމް އަސްނާ ސައީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށާއި އެ ޕްރޮގްރާމުން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގެ ހުނަރު ދަސްކޮށްދޭ ޕްރޮގުރާމެކެވެ.

ގާލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފު ކުރި ސިލްސިލާ ޕްރޮގްރާމެކެވެ. ގާލްސް ޓު ކޯޑް ދިއްދޫ އަކީ މި ސީރީޒްގެ 5ވަނަ ޕްރޮގްރާމެވެ.

މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލަކާއި ތިނަދު އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ.