Roadha Mihaaru
"ގާލްސް ޓު ކޯޑް" ލާމުު އެޑިޝަން ފަށައިފި

"ގާލްސް ޓު ކޯޑް" ލާމުު އެޑިޝަން ފަށައިފި

24 ޖެނުއަރީ 2023

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށް ހިންގާ "ގާލްސް ޓު ކޯޑު"ގެ ލާމު އެޑިޝަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށް ހިންގާ "ގާލްސް ޓު ކޯޑު"ގެ ލާމު އެޑިޝަން ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި ގާލްސް ޓު ކޯޑް ޕްރޮގްރާމުގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނެ އެވެ. އެ ޕްރޮގުރާމު ނިމޭއިރު ވެބްސައިޓެއް ފަރުމާކުރަން އެނގޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ލ. އަތޮޅުގައި ފެށި ޕްރޮގުރާމަކީ ދެ މަސް ދުވަހުގެ އޮންލައިން ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި ބައިވެރިކޮށްފައި ވަނީ 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނެވެ.

ޕްރޮގުރާމު ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ކޯޑިން އަކީ ކޮންމެ ދާއިރާއެއްގައި ވެސް ބޭނުން ހިފޭނެ މުހިންމު ހުނަރެއް ކަމަށެވެ. އަދި ކޯޑު ކުރަން ދަސްކުރުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އާ ފުރުސަތުތަކެއް ފަހިކޮށްދޭނެ ދާއިރާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް މަރިޔަމް އަސްނާ ސައީދު ވިދާޅުވި ގޮތުގައި އެ ޕްރޮގުރާމުން ބައިވެރިންނަށް ވެބްސައިޓެއް ހެދުމާއި ކޯޑިން ލެންގުއޭޖު ދަސްވެ، ޕްރޮބްލަމް ސޯލްވިން ފަދަ ހުނަރުތައް ދަސްވާނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ޕްރޮގުރާމުގެ މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވައި މި މި މަސައްކަތަށް ވަނުމަށް ހިތްވަރު ދިނުމެވެ.

"ގާލްސް ޓު ކޯޑު"ގެ ލާމު އެޑިޝަން އަކީ އެ ސީރީޒްގެ ހަތަރު ވަނަ ޕްރޮގްރާމްއެވެ.

އެ ސީރީޒްގެ ފުރަތަމަ ޕްރޮގުރާމް ބޭއްވީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކު ގައެވެ. ދެ ވަނަ ޕްރޮގްރާމް ބޭއްވީ 2021 ވަނަ އަހަރު ގދ. ތިނަދޫގަ އެވެ. އަދި ތިން ވަނަ ޕްރޮގްރާމް ބޭއްވީ 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގަ އެވެ.