Roadha Mihaaru
"އަވާ އޮފް ކޯޑް" ޕްރޮގްރާމު ނިންމާލައިފި

ހާހަކަށް ވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ "އަވާ އޮފް ކޯޑް" ނިންމާލައިފި

26 ޑިސެމްބަރ 2022

ދިރާގާއި ވިމެން އިން ޓެކްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯޑިން ޕްރޮގްރާމު "އަވާ އޮފް ކޯޑް" ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގާއި ވިމެން އިން ޓެކްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޯޑިން ޕްރޮގްރާމު "އަވާ އޮފް ކޯޑް" ނިންމާލައިފި އެވެ.

އެ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް ހަފްތާގެ ދަށުން ކޯޑުޑޮޓްއޯގުގެ ބައިނަލްއަގުވަމީ ހަރަކާތެކެވެ. އެ ހަރަކާތުގެ މައި އިވެންޓު ބާއްވަފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

"އަވާ އިފް ކޯޑް" ޕްރޮގުރާމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ދިރާގު

"އަވާ އިފް ކޯޑް" ޕްރޮގުރާމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ދިރާގު

އެ އިވެންޓު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. އެ އިވެންޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ދަސްވާ ހުނަރުތަކަކީ ހަމައެކަނި އެ ދާއިރާ އަށް މުހިއްމު ހުނަރުތަކެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ބޭނުން ކުރެވޭނެ އަގުހުރި ހުނަރުތަކެއް ކަމަށެވެ. އަދި "އަވާ އޮފް ކޯޑަކީ" ކޮމްޕިއުޓާ ސައިންސްގެ ދުނިޔެ ދެނެގަނެ، އޭގެ ސަބަބުން ކުދިންނަށް ފައިދާކުރާނެ ގޮތްތައް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ އިވެންޓުގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުއްސަދު ވަނީ ކޯޑިން ސަބަބުން ޓީމްވޯކާއި ވަގުތަށް ކަމޭހިތުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މައްސަލަތައް ހައްލުކުރުން ފަދަ ބޭނުންތެރި އެތައް ހުނަރެއް ދަސްވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފަ އެވެ. އެ އިވެންޓުގައި ވިމެން އިން ޓެކް މޯލްޑިވްސްގެ ނާއިބު ރައީސާ މަރިޔަމް ޝިމާނަތު ވެސް ވަނީ ކޯޑިންގެ މުހިންމުކަމާއި އޭގެން ދަސްވާ ހުނަރުތަކުގެ ބޭނުންތެރިކަން ފާހަކޮށް ވާހަކަ ދައްކަވައިފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވާރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ "އަވާ އޮފް ކޯޑް" ފުރިހަމަ ކުރެއްވުމުގެ ސަބަބުން މި ފަހަރުގެ ޕްރޮގްރާމު އިތުރަށް ހާއްސަވި އެވެ.

"ކޯޑް އޮފް އަވާ" ޕްރޮގުރާމަކީ 17 އަތޮޅެއްގައި ބޭއްވި ޕްރޮގްރާމެކެވެ. އެ ޕްރޮގުރާމަށް 1000އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.