Roadha Mihaaru
ދިރާގުގެ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފި

ދިރާގާއި ވިމެން އިން ޓެކްގެ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފި

30 އޯގަސްޓް 2022

ދިރާގާއި ވިމެން އިން ޓެކް އިން މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގާއި ވިމެން އިން ޓެކް އިން މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލައިފި އެވެ.

އެ ޕްރޮގްރާމްގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިން ވަނީ އެ ކުދިން ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅައިފަ އެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު، އެ ރަސްމިއްޔާތުގައި ވިދާޅުވީ، ކުދިންގެ ޅަ އުމުރުގައި އެ ފަދަ ދާއިރާއަކަށް ހޭލުންތެރިކޮށް، އެ ކުދިން އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްކޮށްދިނުމަކީ އެ ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ. އަދި އެއީ އެ ކުދިންނަށް މުސްތަގުބަލުގައި ފައިދާ ކުރަނިވި ބޭނުންތެރިި މުހިންމު ކަންތައްތަކެއް ދަސްކޮށްދިން ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ.

ވިމެން އިން ޓެކްގެ ރައީސާ މަރިޔަމް އަސްނާ ވިދާޅުވިގޮތުގައި، އެ ޕްރޮގްރާމްގެ ޒަރީއާ އިން ބައިވެރިންނަށް އާ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބުނެވެ. ހާއްސަކޮށް ޑޭޓާ ސައިންސްގެ ދާއިރާ އަށް ޝައުގުވެރިކަން އުފެދުނު ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.

ދިރާގުން ބުނީ، އެއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާފައިވާ ފުރަތަމަ ޑޭޓާ ލިޓަރެސީ ޕްރޮގުރާމް ކަމަށެވެ. އެ ސިލްސިލާގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޕްރޮގްރާމުގެ ބައިވެރިން ނިމުމުގެ ހަފްލާގައި. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިން ކޮށް. ފޮޓޯ: ދިރާގު

ޕްރޮގްރާމުގެ ބައިވެރިން ނިމުމުގެ ހަފްލާގައި. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިން ކޮށް. ފޮޓޯ: ދިރާގު

މިދިޔަ މޭ 28 އިން ފެށިގެން ދޮޅުމަސް ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް، އުމުރުން 10-13 އަހަރާ ދެމެދުގެ 25 ކުއްޖަކު ފުރިހަމަކުރި ދިރާގުން ބުންޏެވެ.

ޑޭޓާ އެއްކުރުމާއި އޭގެ މާނަ ދޭހަކުރުމާއި ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެ ކުދިންނަށް ދަސްކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެ ގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތައް ވެސް އެ ޕްރޮގްރާމުގައި ކުރި ކަމަށް ބުންޏެވެ.

މޯލްޑިވްސް ނޭޝަނަލް ލައިބްރަރީ އަށް ޒިޔާރަތްކޮށް، ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއް ވެސް ބައިވެރިން ފުރިހަމަކުރި އެވެ.

ދިރާގުން ބުނީ، 2019 އިން ފެށިގެން އެ ކުންފުންޏާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބާރުވެރިކުރުމަށް ކޯޑިން ދަސްކޮށްދިނުމަށް ގާލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ހިންގަމުން ގެންދާ ކަމަށެވެ.