Roadha Mihaaru
އެއާޕޯޓުގައި ޓެކްސީ މަދުވެއްޖެ، ސަރުކާރުން ދޫނުދޭނެ

އެއާޕޯޓަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ، އިހުސާން ވިދާޅުވީ ސަރުކާރުން ދޫނުދޭނެ ކަމަށް

12 މެއި 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިއުގައި ހަމައެއްލަމައެއް ނެތް ނޯންނަ ކަމުގެ ޝަކުވާތަކާ އެކު، އެ ތަނަށް ފުލުހުން ނެރެ ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެއާޕޯޓް ދަތުރު ނަގަން ކިއުގައި ޖެހޭ ޓެކްސީތަކުގެ އަދަދު މަދުވެ، ޓެކްސީ ލިބުން ދަތިވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިއުގައި ހަމައެއްލަމައެއް ނެތް ނޯންނަ ކަމުގެ ޝަކުވާތަކާ އެކު، އެ ތަނަށް ފުލުހުން ނެރެ ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން އެއާޕޯޓް ދަތުރު ނަގަން ކިއުގައި ޖެހޭ ޓެކްސީތަކުގެ އަދަދު މަދުވެ، ޓެކްސީ ލިބުން ދަތިވެއްޖެ އެވެ.

މީގެ ކުރިން ޕްރައިވެޓް ކާރުތަކާއި ބިދޭސީން ދުއްވާ ޓެކްސީތައް ވެސް އެއާޕޯޓުން ދަތުރު ނަގަ އެވެ. ނަމަވެސް، މިހާރު އެ ސަރަހައްދުގައި ކޮންމެ ގަޑިއެއްގައި ވެސް ދެ ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި ޓެކްސީތައް ވަކި ހަމައަކުން އަމަލު ކުރުމަށް ފުލުހުން އިރުޝާދު ދެ އެވެ.

އެކަމަކު، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ފުލުހުން ގުޅިގެން އެޅި ފިޔަވަޅުތަކާ އެކު، އެއާޕޯޓުން ދަތުރު ނަގާ ޓެކްސީތަކުގެ އަދަދު މަދުވެފައިވާއިރު، ރޭ އެއާޕޯޓްގައި ޓެކްސީ ހޯދުމަށް ބޮޑު ކިއުއެއް އޮތެވެ. ރޭގެ ގާތްގަނޑަކަށް 10 އިން ފެށިގެން ދަންވަރު 1 ޖެހިއިރު ވެސް ޓެކްސީ ކިއުގައި ޓެކްސީއެއް ނުލިބިގެން ގިނަ ބަޔަކު ތިއްބެ އެވެ. ބައެއް މީހުން ގަޑިއިރަކަށް ވުރެ ވެސް ގިނަ އިރު ކިޔުގައި ތިބެން ޖެހުނު ކަމަށް ބުނެ ޝަކުވާ ކޮށްފައިވެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެއާޕޯޓަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ ރޭ ލިބިވަޑައިގެންނެވި ކަމަށެވެ. އެކަން ހައްލު ކުރުމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން މިއަދު ނޫސްވެރިންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ ވެރިން މިއަދު ނޫސްވެރިންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށާއި ބަޔަކު ހިތްހަމަނުޖެހެއޭ ކިޔާފައި ގާނޫނު ތަންފީޒުނުކޮށް ނުތިބޭނެ ކަމަށެވެ. ޓެކްސީ ޑްރައިވަރުން ވެސް ޖެހޭނީ އެ އޮންނަ އުސޫލުން އަމަލު ކުރަން ކަމަށާއި އެ ނޫން ގޮތަކަށް ސަރުކާރުން އެކަން ދޫކޮށްނުލާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ކުރިން އޮތް ގޮތަށް އެއްވެސް ހަމައެއްލަމައެއް ނެތް ގޮތަކަށް ކަންކަން ދޫކޮށްލުމުގެ ވިސްނުމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ޓެކްސީ ކިއުގެ ކަންކަން ހަމަައަކަށް އަޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ އެއާޕޯޓް ޓެކްސީ ކިއުއާ މެދު އާންމުންގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ އެވެ. އޭގެ ތެރޭގައި ވަކި ތަނަކަށް ނޫނީ ދަތުރު ކުރަން ޑްރައިވަރުން ބޭނުން ނުވުމާއި ދަތުރު ނެގުމަށް ފަހު، އިތުރު ފަސިންހަރުން އެރުވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތައް ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.