Roadha Mihaaru
އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް

އިގްތިސާދުގައި އެނބުރޭ ފައިސާގެ އަދަދު 59 ބިލިއަނަށް

11 މެއި 2024

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އަދަދު 59 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ޖުމުލަ ރުފިޔާ އަދަދު 59 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ޖުމުލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ ހަތް ޕަސެންޓަށް އިތުރުވެފަ އެވެ.

އިގްތިސާދުގައި ދައުރުވާ ފައިސާ 2022 ވަނަ އަހަރު އިތުރުވީ ހަ ޕަސެންޓަށެވެ. އޭރު އެ އަދަދު ހުރީ 55 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، އިގްތިސާދުގައި ދައުރުވާ އަދަދު މިހާރު ހަތަރު ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އިގްތިސާދުގައި ދައުރުވާ ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު ރެކޯޑް ކުރެވިފައި ވަނީ 36 ބިލިއަން ރުފިޔާ އެވެ. އެ އަދަދު 2020 ގައި ހުރީ 41 ބިލިއަން ރުފިޔާގަ އެވެ. ދައުރުވާ ފައިސާ 2021 ގައި ވަނީ 52 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އެހެންވެ، ފަސް އަހަރު ރާއްޖޭގެ އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު މިވަނީ 23 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ޑޮމެސްޓިކް އެސެޓު އިތުރުވުމުންނެވެ. މިދިޔަ އަހަރު ވަނީ ނެޓް ޑޮމެސްޓިކް އެސެޓުގެ އަދަދު 16 ޕަސެންޓަށް އިތުރުވެފަ އެވެ.

މިއަދަދު އެހާ ބޮޑަށް އިތުރުވީ، ކޮމާޝަލް ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާގެ އަދަދު އިތުރުވުމުންނެވެ. ޕްރައިވެޓް ސެކްޓަރަށް ބޭންކްތަކުން 2.7 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ޕްރައިވެޓް ސެކްޓަރަށް ބޭންކްތަކަށް ދޫކުރި އަދަދު 1.7 ބިލިއަން ރުފިޔާ އޭގެ ކުރީ އަހަރަށް ވުރެ އިތުރެވެ. އޭގެ އިތުރުން ބޭންކްތަކުން ސަރުކާރުގެ ބޭނުންތަކަށް ދޫކުރި ޓީބިލާއި ޓީ ބޮންޑު އިތުރުވުމަކީ ވެސް އިގްތިސާދުގައި ދައުރުވި ފައިދާ އިތުރުވި އެއް ސަބަބެވެ.

ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވި އިރު ނެޓް ފޮރިން އެސެޓް ވަނީ 27 ޕަސެންޓު ދަށަށް ގޮސްފަ އެވެ. ނެޓް ފޮރިން އެސެޓް ދަށްވީ ބޭރު ފައިސާ އެމްއެމްއޭ އާއި ޑޮމެސްޓިކް ބޭންކްތަކަށް ޑިޕޮސިޓް ކުރި ވަރު ދަށްވުމުންނެވެ.