Roadha Mihaaru
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"

ސެނަހިޔާގައި ތިބޭ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނޯންނާނެ: ޣައްސާން

11 މެއި 2024

ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް، ސެނަހިޔާގައި މަސައްކަތް ކުރާ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންގެ އެއްވެސް އަސްރަކީ ދައުރެއް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިވެހި އަސްކަރިއްޔާގެ ހޮސްޕިޓަލް، ސެނަހިޔާގައި މަސައްކަތް ކުރާ އިންޑިއާގެ އަސްކަރީ ޑޮކްޓަރުންގެ އެއްވެސް އަސްރަކީ ދައުރެއް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ސެނަހިޔާގައި ތިއްބެވީ ސެޕްޓެމްބަރު 10، 2012 ގައި އެމްއެންޑީއެފްގެ އެދުމުގެ މަތިން އިންޑިއާ އިން ފޮނުވި ޑޮކްޓަރުންތަކެއް ކަމަށެވެ.

އެ މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަނީ ވަރަށް ކުރު މުއްދަތަކަށް ދޫކޮށްފައިވާ ވިސާއެއްގައި ކަމަށާއި ވިސާ ހަމަވުމުން އާ ޑޮކްޓަރުން ރޮޓޭޓްވާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ މަސައްކަތަކަށް ވާނީ ސިއްހީ ގޮތުން ސިފައިންނާއި ސެނަހިޔާ އިން ހިދުމަތް ހޯދާ ހުރިހާ އެންމެންނަށް ޑޮކްޓަރުން ދޭ ހިދުމަތްތައް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

"[އެއީ] މިކޮޅުން އެދިގެން އަންނަ މީހުން. އެއްވެސް އަސްކަރީ ރޯކެއް އޮންނަ ބައެއް ނޫން."

ނަމަވެސް އެ ޑޮކްޓަރުންގެ ފަރާތުން ވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫ އަރާ އެއްވެސް ކަމެއް ފެނިއްޖެ ނަމަ އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށް މީގެ ކުރިން ޕީޕީއެމް/ޕީއެންސީން ދައްކަމުން އައި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޣައްސާން ވިދާޅުވީ އެ ތަނުގައި އިންޑިއާގެ ސިފައިން ތިބި ކަން ކުރީގެ ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.

އެ ކަމަކު، މި ސަރުކާރު އައި ފަހުން މިހާރަކު އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ގެނެސްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި ތިބި ޖުމްލަ 76 ސިފައިން ރާއްޖެއިން ވަނީ ފޮނުވާލައިފަ އެވެ.