Roadha Mihaaru
ދުން ލީކުވެ އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ

ކެފޭއެއްގެ ބަދިގެއިން ދުން ލީކުވެ، އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ!

13 މެއި 2024

މާލޭގެ ކެފޭއެއްގެ ބަދިގެ އިން ރޭ ފަތިހު ދުން ލީކުވެ، ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ ކެފޭއެއްގެ ބަދިގެ އިން ރޭ ފަތިހު ދުން ލީކުވެ، ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހާދިސާ ހިނގީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގަ އެވެ.

ފުލުހުން ބުނީ އެ ކެފޭގެ ބަދިގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާގެ މީހަކާއި އިންޑިއާގެ މީހެއް އަދި ބަންގްލަދޭޝްގެ ދެ މީހަކާއި ނޭޕާލްގެ ތިން މީހެކެވެ.

އެ މީހުން ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އެއް ވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.