Roadha Mihaaru
އެސޯސިއޭޝަންތައް ވިޔަފާރި މޮޑެލްއަށް ބަދަލުކުރަނީ

އެސޯސިއޭޝަންތައް ވިޔަފާރި މޮޑެލްއަށް ބަދަލުކޮށް މީރާގައި ރަޖިސްޓަރީ ކުރެވޭނެ ގޮތަށް ގާނޫނު އިސްލާހްކުރަނީ

14 މެއި 2024

ކުޅިވަރު އެސޯސިއޭޝަންތައް ވިޔަފާރި މޮޑެލް އަށް ބަދަލުކޮށް މީރާގައި ރަޖިސްޓަރީ ކުރެވޭނެ ގޮތަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅަން ވިސްނުން ގެންގުޅެމުންދާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޅިވަރު އެސޯސިއޭޝަންތައް ވިޔަފާރި މޮޑެލް އަށް ބަދަލުކޮށް މީރާގައި ރަޖިސްޓަރީ ކުރެވޭނެ ގޮތަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅަން ވިސްނުން ގެންގުޅެމުންދާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އަޑުގެ ކޮންފަރެންސް ރޫމުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކެއް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

މިނިސްޓަރު ކަމަށް ވަޑައިގަތުމާ ހަމައަށް ސްޕޯޓްސް ކައުންސިލް މެންބަރުކަން ވެސް ކުރެއްވި ރާފިއު ވިދާޅުވީ އެސޯސިއޭޝަންތަކަށް ވިޔަފާރިގެ ފުރުސަތުތައް ތަނަވަސްކޮށް ދިގެން އެ އިދާރާތައް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ދިނުމުގެ ވާހަކަ ރާއްޖޭގައި ދައްކާތާ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

އެކަމަކު މިހާތަނަށް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. އަދި ވެސް ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަޖެޓް ބަރޯސާ ވަނީ ސަރުކާރުން ދޭ ފައިސާ އަށެވެ.

"[ކުޅިވަރު] ގާނޫނު އިސްލާހު ކުރަމުންދާއިރު އެބަޔަށް ވެސް އަޅުގަނޑުމެން ވަރަށް އިސްކަން ދެން. އިކޮނޮމިކްލީ ވަޔަބަލް މޮޑެލްތަކަކުން ކުޅިވަރުގެ މުއައްސަސާތައް އަދި ވަކިން ހާއްސަކޮށް އެސޯސިއޭޝަންތަކާއި ކްލަބްތައް ހިންގުން. ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އަޅުގަނޑުމެން އެކަން ކުރާ ގޮތަށް ހަމަޖެހިފަ ވެސް އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ އެ މޮޑެލް އަށް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ އެސޯސިއޭޝަންތަކުގެ ބަޖެޓަށް ލުއި ގޮތްތަކެއް ހޯދައިދިނުމެވެ. އަދި ކްލަބްތަކުގައި ތިބޭ ކުޅުންތެރިންނަށް ވެސް މުސާރަ ލިބޭނެ ގޮތްތަކެއް އިންތިޒާމުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"... ވިޔަފާރީގެ އުސޫލުން މީރާގައި ރަޖިސްޓަރީ ކޮށްގެން އެސޯސިއޭޝަންތައް ހިންގޭނެ ގޮތް، އެ ބޭފުޅުން [އެސޯސިއޭޝަންތަކަށް] ވެސް ވިޔަފާރިކޮށްގެން ބަޖެޓަށް ލުއި ކަމެއް ގެނެވޭނެ ގޮތެއް ހޯދުން،" ރާފިއު ވިދާޅުވި އެވެ.

"އެހެންވީމަ އެކަން އަޅުގަނޑުމެން ކޮންސިޑާ ކުރަން."