Roadha Mihaaru
ގުޅިފަޅު ހިއްކުމުގެ މައްސަލަ އަނެއްކާވެސް ކޯޓަށް

ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ބާތިލްކުރި ނިންމުން ރިވިއުކުރަން އެދިއްޖެ

11 އޯގަސްޓް 2024

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި ނިންމުން ރިވިއުކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި ނިންމުން ރިވިއުކޮށްދޭން އެދި އެ ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ތިމާވެށީގެ އެކްޓިވިސްޓްގެ "މިވެށި ފޯ އެންވަޔަރަމެންޓް" އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސުޕްރީމް ކޯޓުގެ ނިންމުމުގައި އަސާސީ ގޯސްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ގާނޫނީ ހަމަތަކެއް އެއްފަރާތްކޮށްފައިވާ ކަމަށް ވެސް ބެލެވޭތީ، އަލުން މައްސަލަ ބެލުމަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށް ޕޯސްޓްގައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމުގައިވީ ނަމަވެސް، ރާއްޖޭގެ ހާލަތުގައި އެފަދަ ނިންމުންތަކުގައި މީގެ ކުރިން ވެސް އަސާސީ ގޯސްތަކެއް ބައެއް ހާލަތްތަކުގައި ހެދިފައި ހުރުމުގެ ސަބަބުން، އަލުން ބެލުމުގެ އިޖުރާއަތެއް އުފެދިފައިވޭ. އަދި މި އިޖުރާއަތުގެ ބޭނުންކޮށް، މި މައްސަލަ އަލުން ބެލުމަށް އެދުނީ ސީރިއަސް ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން،" އެ ޖަމިއްޔާގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ، ތިމާވެށި ހަލާކުވުމުގެ ސަބަބުން، މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެކަން ހުއްޓުވި އެވެ. ނަމަވެސް، މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ މެއި މަހު އިއްވި ހުކުމްގައި ބުނީ، ގުޅިފަޅު ހިއްކުން ހައި ކޯޓުން ހުއްޓުވަން ވަގުތީ އަމުރު ނެރެފައި އޮތީ އެފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އެ އަމުރު ބާތިލްކުރާ ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ މައްސަލަ ހުށަހެޅި ފަރާތް އެދޭ ގޮތަށް، ގުޅިފަޅު ހިއްކުން ހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެއީ އެ މަސައްކަތް ކުރާ ކުންފުންޏާ އެކު ދައުލަތުން އެއްބަސްވެފައިވާ ގޮތުން، މަޝްރޫއު ހުއްޓާލައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހޭތީ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމުގައި ވެ އެވެ. އެހެންވެ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ އަދަދު ބޮޑުވެ، ދައުލަތަށް ފޫނުބެެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެވެ.

މި މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ދާއިމީ ގެއްލުންތަކެއްކަން މައްސަލަ ހުށަހެޅި ތިމަވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރުގެ ބަހުން ސާފު ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ އަމުރު ބާތިލްކުރިއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ހައި ކޯޓުގެ ހުކުމަށް އަމަލުނުކޮށް، ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ. އެ އަމުރުގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.