Roadha Mihaaru
ވޯކް ވިސާ ޖެހި ޕާސްޕޯޓް ނަގަން އޭންޓް ކިއު ނަންބަރެއް

ވޯކް ވިސާ ޖެހުމުން ޕާސްޕޯޓު ނަގަން އޭންޓް ކިއުއިން ނަންބަރު ނެގޭނެ ގޮތް ހަދައިފި

19 މެއި 2024

ބިދޭސީންގެ ވޯކް ވިސާ ޖަހާފައިވާ ޕާސްޕޯޓު ނެގުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބިދޭސީންގެ ވޯކް ވިސާ ޖަހާފައިވާ ޕާސްޕޯޓު ނެގުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ދޫކުރަން މިއަދު ފަށައިފި އެވެ.

މީގެ ކުރިން ވޯކް ވިސާ ޖެހި ޕާސްޕޯޓު ދޫކުރަނީ ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވެ، އެ މީހެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކޮށްގެންނެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، އިމިގްރޭޝަންގެ ހިދުމަތްތައް ލުއިފަސޭހަކުރުމުގެ ގޮތުން މިއަދުން ފެށިގެން ވޯކް ވިސާ ޖެހުމަށް ފަހު ޕާސްޕޯޓާ ހަވާލުވުމަށް އޮންލައިންކޮށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ނިންމަވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ކުރިން މި ހިދުމަތް ދެމުން އައި ގޮތުގެ ސަބަބުން ގިނަ ޝަކުވާކެއް ލިބިފައިވެ އެވެ.

"... މި ހިދުމަތް ހޯއްދަވާ މީހުންގެ ޝަކުވާ ލިބެމުން އައި ކަމަކަށް ވުމުން، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނާއި އެއްގޮތަށް މި ހިދުމަތް އޮންލައިންކޮށް، މިހާރު ކަނޑައެޅިފައިވާ ގަޑީގައި 'އޭންޓް ކިޔޫ' މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އޮންލައިންކޮށް ނަންބަރު ނަގާލެވޭނެ އެވެ. އަދި ކިއުގެ ހިދުމަތް ދެމުންދާ ތަރުތީބު ވަގުތުން ބަލާލެވޭނެ އެވެ. އެހެންކަމުން، މިއީ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

ވޯކް ވިސާ ޖެހި ޕާސްޕޯޓު ދޫކުރާ ގަޑިތައް

- ފަހެއް ނުވަތަ އެއަށް ވުރެ މަދު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ، ހެނދުނު 9:00 އިން 10:30 އާ ދެމެދުގައި. އެ ނަންބަރުތަކަށް ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް.

- ހައެއް ނުވަތަ އެއަށް ވުރެ ގިނަ ޕާސްޕޯޓާއި ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގަވާނީ މެންދުރު 11:30 އިން 12:30 އާ ދެމެދުގައި. އެ ނަންބަރުތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:15 އިން 3:00 އަށް.