Roadha Mihaaru
އިމާރާތްކުރާ ތަންތަނުން ރައްކާތެރިވާން އަންގައިފި

އިމާރާތްކުރާ ތަންތަނުން ރައްކާތެރިކަމަށް ފިޔަވަޅު އަޅަން އަންގައިފި

19 މެއި 2024

މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރާތީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް، ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަކުރާތީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް، ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ވަކިވަކިން ނެރުނު ދެ އިއުލާނުގައި ވަނީ، މޫސުން ގޯސްވެ، ވައިގަދަވެފައިވާ މި ދަނޑިވަޅު އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ސައިޓުތަކުގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވިއްސައިގެން ގޮސް، ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަަށެވެ.

އެކަމަށް ރައްކާތެރިވުމަށް ހުރިހާ އެންމެން ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

"މި ވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެ ފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރިގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ދަންނަވަމެވެ،" އެއް އިއުލާނުގައިވެ އެވެ.

ދެ ވަނަ އިއުލާނުގައި ބުނީ، ހުޅަނގު މޫސުމަކީ އަބަދުވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަ ދުވަސްވަރަށް ވުމާއި އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަނަށް ވުމުން އެ ތަންތަން ސާފުކޮށް ބަހައްޓަން ޖެހޭ ކަމަށެވެ.

އެއީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިއްމު ކަމަކަށް ވާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މަސައްކަތްކުރާ ސައިޓުތައް ސާފުކޮށް ބެހެއްޓުމަށް އެދިފަ އެވެ.

"އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރަމެވެ." އިއުލާނުގައިވެ އެވެ.

އިމާރާތްކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރުން އެދުނުއިރު، މިދިޔަ ހުކުރު ދުވަހުގެ ހަވީރު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވަނީ އެޕޯލޯ ޓަވަރުތަކުގެ ވަށައިގެން ޖަހާފައިވާ ދަގަނޑު ފެންސުތައް ވިއްސައިގެން ގޮސްފަ އެވެ.