Roadha Mihaaru

ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ޚަބަރެއް އަދިވެސް ނުވޭ: އާއިލާ

ސްރީ ލަންކާގެ ނުވަރަ އެލިއާ އަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުން އަންނަ ދިވެހި އާއިލާގެ އެއްވެސް ޚަބަރެއް އަދިވެސް ނުވާ ކަމަށް އެ އާއިލާ އިން ބުނެފި އެވެ.

"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

30 ނޮވެމްބަރ 2025

ސްރީ ލަންކާގެ ނުވަރަ އެލިއާ އަށް ދިޔަ ފަހުން ގެއްލިގެން ހޯދަމުން އަންނަ ދިވެހި އާއިލާގެ އެއްވެސް ޚަބަރެއް އަދިވެސް ނުވާ ކަމަށް އެ އާއިލާ އިން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ ދިވެހި ފިރިހެނަކާއި އޭނާގެ އަނބިމީހާ އާއި ދެ ކުދިންނެވެ. އެއީ އެއް އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖެކެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އެ މީހުންގެ ހަބަރެއް ނުވާއިރު، އެކަން އާއިލާ އިން ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަންގައިފަ އެވެ. އާއިލާ ސަލާމަތުން ތިބި ކަމަށް އެމްބަސީން ބުނި ނަމަވެސް އެ މީހުންގެ ހަބަރެއް ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން ދިވެހި ފިރިހެން މީހާގެ ކޮއްކޮ ފަޒްނާ އަބްދުލްމަޖީދު ރޭ ބުނީ ސްރީ ލަންކާ އަށް ދިއުމަށް އެ އާއިލާ އިން ރާއްޖެ އިން ފުރީ މި މަހު 8 ވަނަ ދުވަހު ކަމަށެވެ.

ނުވަރަ އެލިއާގެ ރާޖަގަލައިގައި ދިރިއުޅޭ ސްރީ ލަންކާއަށް ނިސްބަތްވާ އަންހެން މީހާގެ އާއިލާ ކައިރިއަށް ގޮސް ރާއްޖެ އަންނަ އޮތީ އަންނަ މަހުގެ ދެވަނަ ދުވަހެވެ.

"އެ މީހުން ނުވަރަ އެލިޔާ އިން ކޮލަމްބޯ އަށް އަންނަން ވެގެން ނައްޓާލީ މިދިޔަ ބުދަ ދުވަހު. ވަކި ހިސާބަކުން ބްލޮކް ވެފައި އޮތީމާ އެ ގައުމު ފުލުހުން ބުނީ [ވެހިކަލް] އަނބުރާލަން. އަނބުރާލި ފަހުން ދެން ޚަބަރެއް ނުވޭ. އެމްބަސީން ބުނަނީ ބޭބެގެ ރައްޓެއްސެއް ބުންޏޭ އެ މީހުން ގެއަށް ގޮސް ކަމަށް ތިބީ،" ފަޒްނާ ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އަދި ބޭބެގެ ޚަބަރެއް ނުވޭ. އެތަނުގައި ދިރިއުޅޭ ބޭބެގެ ހުރިހާ ރައްޓެހިންނަށް އަދި އަންހެނުންގެ އާއިލާ އެންމެންނަށް ވެސް ގުޅައިފިން. ޚަބަރެ ނުވޭ."

ފަޒްނާ ބުނީ، ލަންކާ އަށް މިހާރު ކުރާ ގަދަ ވިއްސާރައާ ގުޅިގެން ކަރަންޓު ކެނޑިފައިވާތީ މޮބައިލް ފޯނުން ނުގުޅެނީ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނާ ކަމަށެވެ.

"އެކަމަކު އެ މީހުންނަށް ވެސް ޔަގީނެއް ނޫން. އެ ހޭދަވި ވަގުތާ ބަލައި އެސްޓިމޭޓް ކޮށްލާފަ އެ ބުނަނީ ބޭބެމެންނަށް ދެވިއްޖެ ކަމަށް."

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އާއިލާ ނުވަރަ އެލިއާގައި އެބަތިބި ކަމަށް އެ މީހުން ތިބި ސަރަހައްދުގެ މީހެއްގެ ފަރާތުން ވަނީ މައުލޫމާތު ލިބިފަ އެވެ.

ލަންކާ އަށް އެރި ބާރުގަދަ ތޫފާން "ދީތުވާ"ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކުގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.

މި ތޫފާނާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވެސް ބުރޫއަރާފައި ވާތީ، ސްރީ ލަންކަން އެއާލައިނުން ފުރާ މީހުން އެއާޕޯޓަށް ދިއުމުގެ ކުރިން ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 7926778 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ ރޭގައި އެދިފަ އެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ.