Roadha Mihaaru

ނަތަންޔާހޫ ހައްޔަރުކުރަން އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ހައްޔަރުކުރަން އެދުމުން މަރުހަބާ ވިދާޅުވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

20 މެއި 2024

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި އިޒަރޭލްގެ ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ގާޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓްގެ ހައްޔަރު ކުރުމުގެ އަމުރެއް ފައިލް ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އެކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހިފާފައިވާ ފަލަސްތީނުގައި ހިނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރޯމް ސްޓެޓޫޓްގައި ބައިވެރިވާ ގައުމެއްގެ ހައިސިއްޔަތުން އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ސާބިތުވާ ވަރަށް ހެކި އައިސީސީގެ ޕްރޮސެކިއުޓާ އޮފީހުން އެއްކޮށްފައިވާ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖެއިން ހުރިހާ މަގެއް ހޯދާނަން،" ރައީސް ވިދާޅުވި އެވެ.

އިސް ޕްރޮސެކިއުޓަރު ކަރީމް ހާންގެ އެދިވަޑައިގަތުމާ މެދު ގޮތެއް ނިންމުގެ ބާރު އޮތީ ކޯޓުގެ ފަނޑިޔާރުންނަށެވެ.