Roadha Mihaaru

"ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް،" ރައީސް ވިދާޅުވީ ޣައްޒާއިން މީހުން ބާލަން ދުވަހަކު ވެސް ތާއީދު ނުކުރާނެ ކަމަށް

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމަށާއި، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޣައްޒާއިން މީހުން ބާލަން ރާއްޖޭން ތާއީދެއް ނުކުރާނެ

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ ބިމެއް ކަމަށާއި، ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބާލަން ކުރާ އެއްވެސް މަސައްކަތަކަށް ރާއްޖޭން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން ދުނިޔޭގައި އަމާންކަން ގާއިމުކޮށްފައި ބޭއްވުމަށް އިސްކަންދޭނެ ކަމަށެވެ.

"އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި ފުރާނަޔަށް ގެއްލުން ދިނުމާއި އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއާ އެކު ރައީސް ވަނީ، ޣައްޒާ ތަރައްގީ ކުރަން، އެ ތަނުން ރައްޔިތުން ބާލަން އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭނަށް ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.

"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ގުދުސްއަކީ، ފަލަސްތީނުގެ ވެރިރަށްކަމުގައި ގަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށެވެ.

"އަދި ވަކި ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޣައްޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ. އެއާ އެކު އެކި ގައުުމުތަކާއި ޖަމާއަތްތަކުން ދަނީ ޓްރަމްޕުގެ ވާހަކަ ކުށްވެރިކުރަމުންނެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 15 މަސް ދުވަސް ފަހުން މި ވަގުތަށް ވަނީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެތަން އެއްކޮށް ސުންނާތިވެފައި ވެފައި ވާއިރު ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާއިން އާންމުން ނެރެ އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންގޮސް ހިތްގައިމު ތަނެއްގެ ގޮތުގައި އެތަން ތަރައްގީކުރާނީ ކަމަށެވެ.