Roadha Mihaaru
ބަންގްލަދޭޝަށް ތޫފާނެއް، މިލިއަނެއްހާ މީހުން ސަލާމަތަށް

ބަންގްލަދޭޝަށް ބާރުގަދަ ތޫފާނެއް، މިލިއަނެއްހާ މީހުން ސަލާމަތް ހޯދަންޖެހިއްޖެ

27 މެއި 2024

ބަންގްލަދޭޝަށް އިއްޔެ އެރި ބާރުގަދަ ތޫފާނާ ގުޅިގެން، އައްސާރިފަށުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދަންޖެހިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ބަންގްލަދޭޝަށް އިއްޔެ އެރި ބާރުގަދަ ތޫފާނާ ގުޅިގެން، އައްސާރިފަށުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދަންޖެހިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

"ރެމަލް"ގެ ނަން ދީފައިވާ އެ ތޫފާނުގައި ގަޑިއަކު 56 މޭލުގެ ބާރުމިނުގައި ވައި ގަދަވެފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވި އެވެ. އަދި ވައިގެ ބާރުމިން ގަޑިއަކު 80 މޭލު ހުރަސްކުރާނެ ކަމަށް ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

އެއާ އެކު ބަންގްލަދޭޝުން ވަނީ ސަމާލުވުމުގެ އެލާޓު އެންމެ މަތިކޮށްފަ އެވެ.

މޫސުމާބެހޭ އިދާރާގެ އޮފިޝަލަކު އޭއެފްޕީ ނޫހަށް ވިދާޅުވި ގޮތުގައި ދިޔަވަރުގައި ހަތަރު މީޓަރަށް އުފުލުމުގެ ފުރުސަތު ބޮޑެވެ.

ބަންގްލަދޭޝްގެ އައްސޭރިފަށުގައި ހުރި ގިނަ އަވަށްތަކުގެ އުސްމިނަކީ އެންމެ ދެ މީޓަރެވެ.

ތޫފާނުން ސަލާމަތްވުމަށް މިހާތަނަށް 800،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް، ކޮންކްރީޓް ޝެލްޓަރުތަކަށް ގޮސްފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝަށް އެރި ތޫފާނުތަކުގައި އެތަކެއް ހާސް މީހުން ވަނީ މަރުވެފަ އެވެ.

ބަންގްލަދޭޝްގެ އިތުރުން އިންޑިއާއަށް ވެސް "ރެމަލް" ތޫފާނުގެ އަސަރު ކުރަމުންދާ އިރު، ވެސްޓް ބެންގާލް ސަރަހައްދުގައި ދިރިއުޅޭ ބައި ލައްކަ އަށް ވުރެ ގިނަ މީހުން ސަލާމަތް ހޯދަންޖެހިފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.