Roadha Mihaaru
އިންޑިއާ އާއި ބަންގާޅުގައި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ

އިންޑިއާ އާއި ބަންގާޅުގައި ފެންބޮޑުވެ ގިނަ ބަޔަކު މަރުވެއްޖެ

20 ޖޫން 2022

އިންޑިއާ އާއި ބަނގްލަދޭޝް އަށް މިހާރު ކުރަމުންދާ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އެ ދެ ގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

އިންޑިއާ އާއި ބަނގްލަދޭޝް އަށް މިހާރު ކުރަމުންދާ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އެ ދެ ގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

އެ ދެ ގައުމުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ހޮނުއެޅުމުގެ ހާދިސާތަކާއި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، މަދުވެގެން 59 މީހަކު ވަނީ މަރުވެފަ އެވެ. ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް، ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް އިތުރު އެތައް ބަޔަކު ހާލުގައި ޖެހިގެން ރިޕޯޓްކުރެ އެވެ.

މޫސުން ލަފާކުރާ އިދާރާތަކުން ބުނާ ގޮތުގައި ކުރިއަށް ދުވަސްތަކުގައި ވެސް ފެންބޮޑުވުމުގެ ހާދިސާ އިތުރަށް ގޯސްވާނެ އެވެ. ބަނގްލަދޭޝް ސަރުކާރުން ބުނި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާއަކީ، 2004 ވަނަ އަހަރުގެ ފަހުން އެގައުމަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

ބަނގްލަދޭޝްގެ އިރުއުތުރު ސަރަހައްދަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ގެއްލުންތައް ލިބެމުން ދާއިރު، ސްކޫލްތަކާއި ޔުނިވަސިޓީތައް މިހާރު ވަނީ، ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ވަގުތީ ހިޔާތަކަކަށް ބަދަލުކޮށްފަ އެވެ. ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ އިރު، ކޯރުތަކާ ކައިރި ސަރަހައްދުގައި ހުރި ބައެއް ގެތައް ބާރު އޮޔާއެކު ވެއްޓިފައިވެ އެވެ. އޭގެ އިތުރުން، ބައެއް ސަރަހައްދުތަކުގައި މިހާރު އޮތީ ގެތަކުގައި ދިރިނުއުޅެވޭ ވަރަށް ފެންގަނޑު ބޮޑުވެފަ އެވެ.

އިންޑިއާގެ އާސާމް ސްޓޭޓަށް މެދުނުކެނޑި ވާރޭ ވެހޭތާ ފަސް ދުވަސް ވެފައިވާ އިރު، އެ ސްޓޭޓުން 1.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުންވެފައިވާ ކަމަށް އެ ސްޓޭޓްގެ ސަރުކާރުން ބުނެ އެވެ. އެހެންކަމުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސިފައިން ނެރެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ބަނގްލަދޭޝް އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގިނަ ބަޔަކަށް ގެއްލުން ވަމުންދާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި އެ ގައުމަށް ކުރި ވިއްސާރައިގައި 10 މީހަކު މަރުވެ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އެފަހަރުގެ ވިއްސާރައިގައި ހާލުގައި ޖެހުނު މީހުން އަދިވެސް ތިބީ އަމިއްލަ ގެދޮރުގައި އަލުން ދިރިއުޅެވޭ ފަދަ ހާލަތަކަށް ރުޖޫއަ ނުވެވި އެވެ.