Roadha Mihaaru
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ

ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ

29 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އިތުރު ކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އިތުރު ކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

އިއްޔެ ފެށި 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެ ގޮތަށް ނިންމިއިރު، 19 ވަނަ މަޖިލީހުން ވެސް އިތުރު ކޮމިޓީތަކެއްގެ ގޮތުގައި ލާމަރުކަޒީ ކޮމިޓީ އާއި އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އުފެއްދި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޕާޓީން ނިންމާފައި ވަނީ ހަމައެކަނި ގެދޮރުވެރިކަމާ ބެހޭ މަސައްކަތްތައް ކުރަން ހާއްސަ ކޮމިޓީއެއް އުފެއްދުމަށެވެ.

ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެންމެ އިސްކަންދޭނެ އެއް ދާއިރާ ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، އެންމެންނަށް ގެދޮރު ހޯދައި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ވިހި ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ފަހު، އިއްޔެ ވަނީ ރަސްމީކޮށް ޖަލްސާތައް ފަށައިފަ އެވެ. މަޖިލީހުގެ އިދާރާ އިން އެދިފައި ވަނީ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ކޮމިޓީތަކަށް އައްޔަންކުރަން ބޭނުންވާ ނަންތައް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޮނުވައި ދިނުމަށެވެ.

ކުރީގެ ދައުރަށް ވުރެ މި ދައުރުގައި މަޖިލިހުގެ މެންބަރުން ގިނަވުމުން ކުރިން ބައެއް ދާއިމީ ކޮމިޓީތަކުގައި 8 މެންބަރުން ތިއްބެވި ނަމަވެސް މި ފަހަރު 11 މެންބަރުން އައްޔަން ކުރަން ވަނީ ނިންމައިފަ އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ކުރިން ތިއްބެވީ 18 މެންބަރުންނެވެ. ނަމަވެސް 20 ވަނަ މަޖިލިހުގައި އެ އަދަދު ވަނީ 13 މެންބަރުންނަށް މަދުކޮށްފަ އެވެ.