Roadha Mihaaru

ވިޕާހިލާފުވި ޕީއެންސީ މެންބަރުންނަށް ފިޔަވަޅު އަޅާނެކަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިނުވެ، ވިޕްލައިނާ ހިލާފުވި ޕީއެންސީގެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެކަން އަންގައިފި އެވެ.

ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިނުވެ، ވިޕްލައިނާ ހިލާފުވި ޕީއެންސީގެ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެކަން އަންގައިފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް، އެ ވޯޓު އޮތް ގަޑީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވަ އެވެ.

އެކަމާ ހިތްހަމަނުޖެހިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައިވާ ކަމަށް ބައެއް މެންބަރުން "މިހާރު" އަށް ވަނީ ވިދާޅުވި އެވެ. އެ މެސެޖްގައި، ޕާޓީން ވިޕް ނެރެފައި ވަނިކޮށް އެއާ ހިލާފަށް އެއްވެސް ގޮތަކަށް އަމަލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ހިލާފުވި މެންބަރުންނާ މެދު ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ވޯޓުގައި ބައިވެރިނުވި ޕީއެންސީގެ މެންބަރުން

- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް

- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް

- މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު

- އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު

- ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު

- ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު

- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން

- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު

- ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

ވިޕްލައިންއާ ހިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން ޕީއެންސީގެ ލީޑަޝިޕުން އަންގާފައިވާއިރު، މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ މެންވަރުންގެ ވޯޓާ އެކު ގާނޫނުއަސާސީއަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާރުގެ މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަން ކަނޑައަޅައިދޭން ވެސް އެ މައްސަލާގެ ތެރެއިން ވަނީ އެދިފަ އެވެ.

އެ އިސްލާހުގެ ދަށުން މެންބަރަކު ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ހިންގުން މަނާ ކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.

އެ ބިލާ ގުޅޭގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 40 ވަރަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ.

ނަަމަވެސް، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދުކުރަން މެންބަރުންނަށް ރޭ އަންގަވައިފަ އެވެ. އެގޮތުން ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ބިލަށް ތާއީދުކުރަން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނިންމައިފަ އެވެ.