Roadha Mihaaru
"އޯލް އައިޒް އޮން ރަފަހް"، 44 މިލިއަން ޝެއާ

"އޯލް އައިޒް އޮން ރަފަހް"، ޝެއާކުރި އަދަދު 44 މިލިއަނަށް

30 މެއި 2024

އޭއައި އިން ޖެނެރޭޓު ކޮށްފައިވާ "އޯލް އައިޒް އޮން ރަފަހް" ފޮޓޯ އެކި ޕްލެޓްފޯމުތަކުގައި ހިއްސާކުރި އަދަދު 44 މިލިއަނަށް އަރައިފި އެވެ.

އޭއައި އިން ޖެނެރޭޓު ކޮށްފައިވާ "އޯލް އައިޒް އޮން ރަފަހް" ފޮޓޯ އެކި ޕްލެޓްފޯމުތަކުގައި ހިއްސާކުރި އަދަދު 44 މިލިއަނަށް އަރައިފި އެވެ.

އެ ފޮޓޯ ހެދީ ރަފަހްގައި ހިމާޔަތް ހޯދައިގެން ތިބި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދާ ޓެންޓުތައް ދައްކުވައިދޭ ގޮތަށެވެ.

ފޮޓޯ ދައުރުކުރަން ފެށީ، އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވުމުގެ ހާދިސާ އަށް ފަހު އެވެ.

އެ ފޮޓޯ ވަނީ ބޮލީވުޑް، ހޮލީވުޑް އަދި އެކި ދާއިރާތަކުގެ މަޝްހޫރު ތަރިން ވެސް އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޝެއާ ކޮށްފަ އެވެ.

އެ ފޮޓޯގެ އިތުރުން "އޯލް އައިޒް އޮން ރަފަހް" ހޭޝްޓެގް ވެސް ވަނީ މިލިއަނަކަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފަ އެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި، ރަފަހް ކޭމްޕަށް ދިން ހަމަލާއާ ގުޅޭ 27.5 މިލިއަން މެސެޖު ވަނީ ޕޯސްޓުކޮށްފަ އެވެ.

ރަފަހްގެ ކޭމްޕަށް ދިން ހަމަލާއަށް ފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ހައްގުގައި އުފުލަމުންދާ އަޑު ވަނީ ގަދަވެފަ އެވެ. ފާއިތުވި ދެ ދުވަހު މެކްސިކޯ، އިނގިރޭސި ވިލާތް އަދި ފްރާންސްގައި ވެސް އާންމުންގެ އެތައް ހާސް ބަޔަކު ވަނީ ނުކުމެ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކޮށް، އެ ހަމަލާގެ ތަހުގީގެއް ކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، އެ ކޭމްޕުގައި ރޯވީ އިޒްރޭލުން ދިން ހަމަލާގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި މުޅި ދުނިޔެ އިން ކަހަލަ ގޮތަކަށް ފާޅުކުރަމުންދާ ކަންބޮޑުވުންތައް ބޮލާލައި ޖަހައި، އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާދީ، ރަފަހްއަށް އަރައިގަތުން ފުޅާކުރަމުންނެވެ.